ދުނިޔެ

ބިރުވެރިކަން ކުޑައެއްނުވޭ! މިއަހަރު އެކަނިވެސް 1.9 މިލިޔަނަށްވުރެ ގިނަ މީހުން މަރުވާނެ ކަމަށް ލަފާކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކޯވިޑް-19 ޖެހިގެން 1.9 މިލިއަނަށްވުރެ ގިނަ މީހުން މަރުވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ދުނިޔޭގައި މިހާތަނަށް 26.7 މިލިއަން މީހުންނަށް މީހުންނަށް ކޯވިޑް-19 ޖެހި 879،000 މީހުން ވަނީ މަރުވެފައެވެ.

ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ އިންސްޓިޓިއުޓް ފޮރ ހެލްތު މެޓްރިކްސް އެންޑް އިވަލުއޭޝަނުން، އައިއެޗުއެމްއީ ކުރި ދިރާސާއެއްގައި ބުނީ މި އަހަރު ނިމުމުގެ ކުރިން މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު ތިން ގުނައަށް އިތުރުވުން އެކަށީގެންވާ ކަމަށެވެ.

އެމެރިކާގައި ބަލި ފެތުރޭ މިންވަރު އިތުރުވެ އެ ޤައުމުގައި މަރުވާ މީހުންގެ ޢަދަދުވެސް 410،000އަށް އިތުރުވާނެކަމަށް ބެލެވޭ ކަމަށް އެ ދިރާސާގައި ވަނީ ބުނެފައެވެ. އެންމެ ރަނގަޅު ޙާލަތުގައި 288،381 މީހުން އަދި އެންމެ ގޯސް ޙާލަތުގައި 620،029 މީހުން އެމެރިކާގައި މަރުވާނެކަމަށް ދިރާސާގައި ވަނީ އަންދާޒާ ކޮށްފައެވެ. ނަމަވެސް އެ ޢަދަދުތައް ބަރޯސާވަނީ ޢާންމުންގެ ޢަމަލުތަކާއި ސަރުކާރުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. ކްރިސްޓޮފާ މުރޭ ވިދާޅުވީ މާސްކު ބޭނުންކުރުން މަޖުބޫރުކުރުމާއި އިޖުތިމާޢީ ގައިދުރުކަން ބަހައްޓާނަމަ އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން 770،000 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ފިޔަވަޅުތައް އެޅުމުގައި ޤައުމުތަކުގެ ސަރުކާރުތަކުން ފަސްޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ދިރިއުޅެނީ ދުނިޔޭގެ އުތުރު ހެމިސްފިއާގައެވެ. ކޮންމެ އަހަރަކުވެސް މޫސުން ބަދަލުވެ ފިނި މޫސުން ފެށުމުން އެ ސަރަޙައްދުތަކުގައި ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް އިތުރުވެއެވެ. އެހެންކަމުން، ނޭވާލާ ނިޒާމަށް އަސަރުކުރާ ބައްޔެއްކަމަށްވާ ކޯވިޑް-19ގެ އަސަރު ވެސް ފިނި މޫސުމުގައި އިތުރުވާނެކަމަށް ޤަބޫލު ކުރައްވާ ކަމަށް ޑރ. މުރޭ ވިދާޅުވިއެވެ. ބަލިން ރައްކާތެރިކޮށްދޭ ވެކްސިނެއް ހޯދުނު ކަމުގައިވީ ނަމަވެސް ގިނަ ޢަދަދެއްގެ މީހުންނަށް ބަލި ޖެހުމުގެ ކުރިން މީހުންނާ ހަމައަށް ވެކްސިން ފޯރުކޮށް ނުދެވޭނެތީ މަރުވާ މީހުންގެ ޢަދަދަށް ބަދަލެއް އަންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޑރ. މުރޭ ވިދާޅުވިއެވެ.

އައިއެޗުއެމްއީއިން ކުރި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން ދުނިޔޭގައި މަރުވާނީ ޑިސެމްބަރު މަހުގެ މެދުތެރޭގައެވެ. އެ ދުވަސްވަރު ދުވާލެއްގެ މައްޗަށް 30،000 މީހުން މަރުވާނެކަމަށް އެ ދިރާސާގައި ވަނީ އަންދާޒާ ކޮށްފައެވެ. އެމެރިކާގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވާނެ ކަމަށް ބެލެވެނީ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އެ ދުވަސްވަރު ދުވާލަކު 2،900 މީހުން އެ ޤައުމުން މަރުވާނެކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. 2021ވަނަ އަހަރު ފެށެންވާއިރަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވާނެކަމަށް ބެލެވެނީ އިންޑިޔާއާއި އެމެރިކާއާއި ބުރެޒިލާއި މެކްސިކޯގެ އިތުރުން ޖަޕާނުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!