ރާއްޖޭގެ މާލީ ހާލަތު މިވަރަށް ވައްޓާލީ ކުރީ ސަރުކާރުން : ގާސިމް
ރާއްޖޭގެ މާލީ ހާލަތު މިހާވަރަށް ވައްޓާލުމުގެ ޒިންމާނަގަންޖެހޭނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މާމިގިލީ ދާއިރާ ތަމްސީލުކުރައްވާ ގާސިމް މިގޮތަށް ވިދާޅުވީ، ރާއްޖޭގޭ މާލީ ހާާލަތު ދެނެގަތުމަށްޓަކައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއެކު އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގަ އެވެ.
ގާސިމް ވިދާޅުވީ މިހާވަރަށް ރާއްޖެ ދަރަނިވެރިވުމުގެ ޒިންމާ ނަގަންޖެހޭނީ ކުރީ ސަރުކާރުން ނެވެ. އެ ސަރުކާރުގެ ކޯލިޝަންގައި ހިމެނުނު ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ކުރައްވާ ގާސިމް ގަބޫލުކުރައްވ ގޮތުގައި މިހާލަތަށް ވެއްޓުނީ މިދިޔަ ފަސް އަހަރު ތެރޭގައި ނެގި ލޯނުތަކާއި ދަރަނިތަކުގެ ސަބަބުން ނެވެ.
"މި ހުރިހާ ކަންތައްތަކެއް 2025 ވަނަ އަހަރާ 2026 ވަނަ އަހަރު މި އަންނަނީ 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑުކޮށް އަދި ނުވަތަ މިހާރު 2025 ގަ ދައްކަން މިއުޅެނީ 500 މިލިއަން ނޫނިއްޔާ 600 މިލިއަން ޑޮލަރުގެ ފައިސާ ކަމަށްވިޔަސް އަދި މިއަހަރު ތެރޭގައި ދައްކަން ޖެހިގެން މެޗުއާރިޓީ ހަމަވެގެން މި އަންނަ މި ފައިސާ އަކީ މި ސަރުކާރުން ނަގާފަ ހުރި އެއްޗެއްތޯ؟" ގާސިމް ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވީ އާސަންދަ ހައްގު ފަރާތްތަކަށް ނުދެވެނީ، އަދި މަސްވެރިންނަށް ވެސް ފައިސާ ނުދެވެނީ ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ނެވެ.
"... އަޅުގަނޑުމެންނަށް އިނގޭ މި ސަރުކާރުން ނަގައިގެން ނޫންކަން މިއުޅެނީ. ކޮން ބައެއްކަން މިއުޅެނީ. މި ވޭތުވެދިޔަ ސަރުކާރުން ނެގީ. އެމްޑީޕީގެ ސަރުކާރުން ނެގީ." ގާސިމް ވިދާޅުވި އެވެ.
އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި މާލީ ވަޒީރު ވިދާޅުވީ މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް، ވީ އެންމެ އަވަހަކަށް ރިފޯމުތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި މި އަހަރުވެސް އޮތީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކަމަށާއި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުން ވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދަށްކޮށްފަ އެވެ. ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި އެ އޭޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.