ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް 998.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންނަށް ދޫކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ދޫކުރަންޖެހޭ ފައިސާ ކަމަށެވެ.
ސަރުކާރު މަސް ކުންފުނި މިފްކޯއިން ބުނީ ޖޫން 37 ގެ ނިޔަލަށް އެކުންފުންޏަށް ކިރާފައިވާ މަހުގެ އަގަށް ވާ ފައިސާ އޮޑިވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
މި ސަރުކާރު އައި ފަހުން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން ޖަމާނުކޮށްގެން ދެ ފަހަރެއްގެ މަތިން މުޒާހަރާ ކުރި އެވެ. އެންމެ ފަހުން އައްޑޫ ސިޓީގައި މަސްވެރިން އިހުތިޖާޖު ކުރީ މިދިޔަ ޖޫން މަހު އެވެ. އެ އިހުތިޖާޖު ނިންމައިލީ ފައިސާ ޖަމާކުރުމުންނެވެ.
މިފްކޯއިން މިހާރު ވަނީ އެކުންފުންޏަށް މަސް ގަންނަ އަގު ކަނޑައަޅާ އުސޫލަށް ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން މިހާރު އެކުންފުންޏަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ހަފްތާއަކު އެއްފަހަރު ކަނޑައަޅާ އަގަކަށެވެ.
އެގޮތުން މިމަހުގެ ހަ ވަނަ ދުވަހުން 12 ވަނަ ދުވަހަށް މިފްކޯއަށް ކަނޑުމަހާއި ކަންނެލި ގަންނާނެ އަގުތައް އެ ކުންފުނިން މިހާރު ވަނީ އާންމުކޮށްފަ އެވެ.
މިމުއްދަތުގައި 1.5 ކިލޯއިން މަތިީގެ މަސް ގަންނާނީ އައިސް އަޅައިގެން 16 ރުފިޔާއަށް އަދި އައިސް ނާޅާ 14 ރުފިޔާ އަށެވެ. 1.5 ކިލޯއިން ދަށުންނަމަ އައިސް އަޅައިގެން ހަތް ރުފިޔާއަށް އަދި އައިސް ނާޅާނަމަ ފަސް ރުފިޔާ އަށެވެ.
މިފްކޯ 1.2 ބިލިއަން ރުފިޔާއިން ދަރަނިވެފައިވާއިރު އެކުންފުނި އޮތީ ބަނގުރޫޓުވާ ހިސާބުގަ އެވެ. ސަރުކާރުން ވަނީ މިފްކޯއަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ހެދުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ.