ކުޅުދުއްފުށިން މާލެ ގެންދިޔަ ކުއްޖާގެ ދެވަނަ ސާމްޕަލް ނައްސި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ ކުއްޖާ ދެވަނަ ފަހަރަށް ކޮވިޑް19 އަށް ޓެސްޓު ކުރުމުން ނަތީޖާ ނައްސި ވެއްޖެއެވެ.
ކުއްޖާގެ ދެވަނަ ޓެސްޓުގެ ނަތީޖާ ނައްސި ވެފައިވާއިރު، ކުއްޖާ ފައްސިވުމާ ގުޅިގެން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށުން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ.
އެގޮތުން ކުއްޖާ އާ ބައްދަލުވި ކަމަށް ބެލެވޭ 24 މީހެއްގެ ސާމްޕަލް ވެސް ނައްސި ވެފައިވާއިރު، އެކުއްޖާ އާއެކު މާލެ ދިޔަ ކުއްޖާގެ މަންމަ އާއި ބައްޕަގެ ސާމްޕަލް ވެސް ވަނީ ނައްސިވެފައެވެ.
އަދި އެކުއްޖާ ފައްސިވުމާ ގުޅިގެން ރެންޑަމްކޮށް ކުޅުދުއްފުށިން 72 މީހެއް ކޮވިޑަށް ޓެސްޓުކުރިއިރު އެ އެންމެންގެ ނަތީޖާ ވެސް ވަނީ ނައްސިވެފައެވެ.
ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން، މިހާރު އަތޮޅުތެރޭގެ ބައެއް ރަށުން ވެސް އަންނަނީ މިބަލި ފެންނަމުންނެވެ.