ހުޅުމާލޭ 6 ތަނެއް ފާސްކޮށް، ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭން ހަ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތްކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުގެ ރަސްމީ "އެކްސް" އެކައުންޓުން ރޭ ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރޭ ހުޅުމާލޭގެ ހަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާއިރު މި ފަހުން ހިންގި އޮޕަރޭޝަންތަކުގައި 120 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ދާދި ފަހުން އިމިގްރޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން ޖުލައި 15 އާ ހަމަޔަށް 2069 ބިދޭސީއަކު ޑީޕޯޓްކޮށްލާފައިވެ އެވެ.
މީގެ ތެރޭގައި ޑްރަގް އަދި ގޭންގް މާރާމާރީތަކުގައި ހަރަކާތްތެރިވަމުން އަންނަ 141 ބިދޭސީއަކުވެސް ހިމެނެ އެވެ.