ޚަބަރު

ނިޒާމީ ނުކުތާ ނަގައިގެން ވެސް ގާސިމްގެ ކަމަކީ ސަރުކާރު ދިފާއުކުރުން

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މެމްބަރު ގަފޫރު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ގާސިމް ވަނީ ނިޒާމީ ނުކުތާ ނަންގަވާ ސަރުކާރު ދިފާއުކުރައްވާފައި

ރާއްޖޭ ދަރުވާލުމުގެ ޒިންމާ މި ސަރުކާރުން ނަގަންޖެހޭ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެމްބަރަކު ވާހަކަދެއްކެވުމުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ނިޒާމީ ނުކުތާއެއް ނަންގަވައި މި ސަރުކާރުގެ ދިފާއުގައި މިއަދުވެސް ނުކުންނަވައިފި އެވެ.

Ads by MWSC

ގާސިމް ނިޒާމީ ނުކުތާއެއް ނެންގެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމު ވަކިކުރުމަށް ނިންމި މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކައަކާ ގުޅިގެން ނެވެ.

ގަފޫރު ގަބޫލުކުރައްވާ ގޮތުގައި މާލީ ހާލަތު ދަށްވުމުގެ ޒިންމާ ހާޝިމް ނަންގަވާކަށް ނުޖެހެ އެވެ. އޭނާ ވިދާޅުވީ ގަވަރުނަރު އަމަލުކުރެއްވީ އޭރުގެ މަޖިލީހުން ފާސްކުރި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އޭނާ ވިދާޅުވި އޮތުގައި އެމްޑީޕީގެ ވެރިކަން މިދިޔަ ނޮވެމްބަރުގައި ނިމުނުއިރުވެސް "އިގްތިސާދު އޮތީ ރަނގަޅަށެވެ".

"32 ބިލިއަން ރުފިޔާގެ އާމްދަނީ ލިބެމުންދިޔަ ގައުމަކަށް 34 ބިލިއަން ރުފިޔާގެ އާމްދަނީ ވަންނަމުންދިޔަ މިގައުމަށް. ހުރިހާ އިގްތިސާދީ އިންޑިކޭޓަރުތައް ހުރީ ހަމަ ރަނގަޅަށް. ޓޫރިޒަމް ކުރިއަރަމުންދިޔަ އިއްޒަތްތެރި ރައީސް. އެހެންނަމަވެސް މިއަދު އިގްތިސާދަށް މި އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާންޖެހޭ ބަދަލުތަކެއް ނޫން. އެ ހަގީގަތް ގަބޫލުކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ އިގްތިސާދީ ހާލަތު މިހާވަރަށް ވެއްޓުނީ މި ސަރުކާރުގެ ހިންގުމުގެ ހަރަދު ބޮޑުވުމުން ކަމަށެވެ.

ގަފޫރުގެ ވާހަކަތާ މެދު ނުރުހުންފާޅުކުރައްވައި ނިޒާމީ ނުކުތާ ނަންގަވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު މިވަރަށް ވެއްޓުނީ ނިމިދިޔަ އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރުން ނެގި ދަރަނިތައް ބޮޑުވެ، ސަރުކާރު ކުންފުނިތައް އިތުރުކުރުމުން ކަމަށެވެ.

"އެހެންމަ ކަނޑައެޅިގެން މިއަދުގެ ސަރުކާރުން މިއަދުގެ ހާލަތަށް ގެންދިޔައީއޭ ވިދާޅުވީމާ އެހެން ހަނިމާދޫ ދާއިރާގެ މެމްބަރު ވިދާޅުވީމާ އަޅުގަނޑު ނިޒާމީ ނުކުތާއެއް މިނެގީ." މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން "ގަރުދިޔައާއި ބަތް" ކާން ޖެހޭ ނިކަމެތި ހާލަތައް ފޮނުވާލީ މައިގަނޑު ގޮތެއްގައި މިދިޔަ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

"މިއަދު ދިވެހި ރައްޔިތުން އިނދަޖައްސާލާ، މާދަމާ ނިކަމެތި ހާލުގައި ގަރުދިޔައާއި ބަތާ ކާންޖެހޭ ހިސާބަށް މި ފޮނުވާލީ މިދިޔަ ސަރުކާރުން މައިގަނޑު ގޮތެއްގައި. 130 މިލިއަން ރުފިޔާ ދައުލަތުގެ ކުންފުނިތައް ދަރުވާލީ އިންތިހާ ދަރަޖައިގަ." އޭނާ ވިދާޅުވި އެވެ.

މި ފަހަކަށް އައިސް މަޖިލީހުގެ ތަޅުމުގައި ގާސިމް ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރު ދިފާއުކޮށް ވާހަކަ ދައްކަވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!