ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ވަޒީފާ އިއާދަކޮށްދޭތީ ސީއެސްސީގެ ކަންބޮޑުވުން
ކުޑަކުދިންނަށް ގޯނާކުރާ މީހުންނަށް ސަރުކާރުގެ ވަޒީފާ އިއާދަކޮށްދޭތީ އެކަމުގެ ކަންބޮޑުވުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅުންހުރި މައްސަލަތަކުގައި ހިމެނޭ މީހުން ވަޒީފާއިން ވަކި ކުރަން އިދާރާތަކުން ބޭނުންވިޔަސް އެކަން ނުކުރެވޭ ކަމަށެވެ.
ސަބަބަކީ ގާނޫނީ ގޮތުން ހުންނަ އިޖުރާއަތުތައް ފުރިހަމަނުކޮށް އެފަދަ މީހުން ވަޒީފާއިން ވަކިކުރުމުން ޓްރައިބިއުނަލުން ވަޒީފާ އިއާދަކޮށްދީފައި ހުރުން ކަމަށް ވިދާޅުވި އެވެ. ކުޑަކުދިން ރައްކާތެރިކުރަން އިސްކަންދޭ ގާނޫނެއް އޮންނައިރު ގާނޫނު ފުރިހަމައަށް ތަންފީޒު ކުރުމަށް ސިވިލް ސާވިސް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
ނާސިހު ވިދާޅުވެފައި ވަނީ އެފަދަ ތުހުމަތުތައް ކުރެވޭ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ދާއިރާގައި މަސައްކަތް ނުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.
"ސްކޫލެއްގެ މަސައްކަތް ކުރާ ޓީޗަރެއް ވެއްޖިއްޔާ އެކަހަލަ ތުހުމަތުތައް އައީމާ އެ ދާއިރާގައި މަސައްކަތް ނުކޮށް ކޮންމެވެސް އެހެން ދާއިރާއެއްގައި މަސައްކަތް ކުރުމުން އޭގެ އަސަރު ކުޑަވެގެންދާނެ،" ނާސިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައްސަލައިގެ ތުހުމަތު ކުރެވޭ އެފަދަ މުވައްޒަފަކު ވަޒީފާ އަދާކުރަމުން އަންނަ ދާއިރާގައި ދެމިހުރެއްޖެ ނަމަ އެކަމުގައި މީހުންގެ ކަންބޮޑުވުން އޮންނާނެ ކަމުގަ އެވެ.
ސީއެސްސީގެ ވަޒީފާއިން މުވައްޒަފުން ވަކިކުރުމަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ހުށަހެޅޭ މިފަދަ މައްސަލަތަކާ ގުޅިގެން ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.