ޚަބަރު ރައްޔިތުންގެ މަޖިލިސް

ގެދޮރުވެރިކަމުގެ ކޮމިޓީއެއް އެކުލަވާލަން ހިމަނައި، މަޖިލީހުގެ އާ ގަވާއިދު ފާސްކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މިއަދު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދްލުވުމުގެ ތެރެއިން (ފޮޓޯ/ މޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ ކޮމިޓީއެއް ހިމަނައި ހިނގަމުންދާ 20 ވަނަ މަޖިލީހުގެ އާ ގަވާއިދު މިއަދު ފާސްކޮށްފި އެވެ.

Ads by Hajj Corporation

މިއަދުގެ ޖަލްސާގައި މަޖިލީހުގެ އާ ގަވާއިދު ފާސްކޮށްފައިވަނީ 64 މެމްބަރުންގެ ވޯޓާ އެކު އެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގައި އިތުރު ދައިމީ ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފައިވެއެވެ. އެއީ ބޯހިޔާވަހިކަމާ ގުޅޭ 'ގެދޮރުވެރިކަމުގެ ކޮމިޓީ' އެވެ.

ގެދޮރުވެރިކަމުގެ ކޮމިޓީއެއް އެކުލަވާލަން މަޖިލީހުން ފާސްކުރުމާ އެކު ދާއިމީ ކޮމިޓީތަކުގެ އަދަދު 19 އަށް އަރާނެ އެވެ.

އެ ކޮމިޓީގެ މަސްއޫލިއްތުތަކަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވެހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ބޯހިޔާވަހިކަމާ ގުޅޭ ވުޒާރާއާއި އެނޫން ވެސް ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ރާވާ ހިންގާ އިދާރާތައް ވިލަރެސްކުރުމެވެ.

އެ ކޮމިޓީގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި:

  • ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލާ، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންއެކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި، އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރު އެޅުން
  • ހިޔާވަހިކަމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ލިބިދެވޭތޯ ބެލުން
  • ގެދޮރުވެރިކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުން
  • ގެދޮރުވެެރިކަމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުން
  • ގެދޮރުވެރިކަމާ ގުޅޭ ބިލުތައް ދިރާސާކުރުން

މި ކޮމިޓީ އެކުލަވާލުމަށް އާއްމު ކޮމިޓީން ނިންމީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށްވާތީ، ބޯހިޔާވަހިކަމާ ގުޅޭ ހާއްސަ ކޮމިިޓީއެއް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެތޭގައި ހިމެނުމަކީ މުހިއްމު ކަމެއް ކަމަށް މެމްބަރުން ގަބޫލުކުރައްވާތީ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!