"ރިޒްގު ކަނޑައަޅުއްވާފައި ވިނަމަވެސް ބޭނުންތަކަށް ބަހާލައިގެން އިގުތިސޯދު ކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް"
މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާއިރު، އެ އެއްޗެއްގެ ރިޒްގު ކަނޑައަޅުއްވާފައި ވިނަމަވެސް ބޭނުންތަކަށް ބަހާލައިގެން އިގުތިސޯދު ކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ރިޒްގުގެ ބަރަކާތް ހޯދުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނެފައި ވަނީ ރިޒްގު ހޯދުމަށް މަސައްކަތް ކުރުމަކީ، ﷲ އެކަލާނގެ މަހްލޫގާތުންގެ ކިބައިގައި ލައްވާފައިވާ ފިތުރީ ކަމެއް ކަމަށެވެ. ރިޒްގު ހޯދުމުގައި ކާމިޔާބު މީހަކީ މާތް ﷲ އާ ވަކީލުކޮށް، އެކަލާނގެ ހަޒުރަތުން ތައުފީގު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ހަޔާތް އާރާސްތުކުރާ މީހާ ކަމަށެވެ.
މިއަދު މި ވަނީ ދިރިއުޅުމުގެ ވައްޓަފާޅި މުޅިން ބަދަލުވެ، މުހުތާދުތައް ގިނަވެފައިވާ ކަމަށާއި އިއްޔެ ކޮންމެހެން ބޭނުން ނޫން ކަންތައްތައް މިއަދު މި ވަނީ ޒަރޫރީ ކަންކަމަށް ބަދަލުވެފައި ކަމަށެވެ. މި ކަމުގެ ސަބަބުން ކުރަން ޖެހޭ ހޭދަތައް ބޮޑުވެ، އާމްދަނީ އިތުރުކުރަން ޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ މުއުމިނުން ދަންނަން ޖެހޭނެ އެއް ކަމަކީ މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާއިރު، އެ އެއްޗެއްގެ ރިޒްގު ކަނޑައަޅުއްވާކަން ކަމަށެވެ. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހާލައިގެން ހޭދަ ކުރުމުގައި އިގުތިސޯދު ކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އަހުރެމެން ﷲ ގެ ފޮތަށާއި ކީރިތި ރަސޫލާގެ ސުންނަތަށް ބަލައިފި ނަމަ، ރިޒްގު ހޯދުމުގައި އޮތް ރަނގަޅު ގޮތް ފެންނާނެ ކަމަށާއި އެއީ މާތް ﷲ އަށް ބިރުވެތިވެ ތަގުވާވެރިވުމާއި ވަކީލު ކުރުން ކަމަށެވެ. ރިޒްގު ތަނަވަސްކޮށްދެއްވައި، ރިޒްގުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަހިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށެވެ.
"ﷲ ގެ އަޅުންނާ ކުރިމަތިވެފައިވާ މާލީ ބުރަތަކުން އެމީހުން ސަލާމަތް ކޮށްދޭން މަސައްކަތް ކުރާށެވެ! ތިޔަބައިމީހުންގެ ސަދަގާތްތަކުން ޔަތީމުންނާއި މިސްކީނުންގެ ކަރުނަތައް ފުހެދޭށެވެ! ހަމަކަށަވަރުން ސަދަގާތަކީ މުދަލުގައި ބަރަކާތްލައްވައި، މުދާ ރައްކައުތެރިކޮށްދެއްވާނެ ކަމެކެވެ،"
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި ރިޒްގު ހޯދަން އެދޭ މީހާ ހީވާގިކަމާ އެކު، މަސައްކަތް ކުރަން ޖެހޭނެ ކަމުގަ އެވެ. ހައްގު ގޮތުގައި ރިޒްގު ހޯދަން މަސައްކަތްކުރާ މީހާ، ﷲ ގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ ކަމުގަ އެވެ. އޭނާއަށް ﷲ ރިޒުގު ތަނަވަސްކޮށް ދެއްވާނެ ކަމުގަ އެވެ. މަސައްކަތް ކޮށްގެން ރިޒްގު ހޯދުމަކީ ﷲ އެދިވޮޑިގެންވާ ގޮތް ކަމުގަ އެވެ.
އިސްލާމް ދީނުގައި މަސައްކަތަކީ އަޅުކަމެކެވެ. ﷲ ގެ ހަޒުރަތުގައި އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާ އާއި މަސައްކަތް ނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވާ ކަމުގަ އެވެ. މަސައްކަތްކުރާ މީހާއަށް ﷲ ގެ ރުހިވޮޑިގަތުމާއި މީހުންގެ ލޯތްބާއި އިހުތިރާމު ލިބޭނެ ކަމުގަ އެވެ. މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫން ކަމަށާއި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށް ކަމުގަ އެެވެ. ދުންޔަވީ ހަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ހަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެން ކަމުގަ އެވެ.
މާތް ﷲ ދެއްވާ ރިޒްގުގައި ބަރަކާތްލައްވާ ކަންކަމުގެ ތެރޭގައި، ފަތިހާ ތެދުވެ ރިޒްގު ހޯދަން މަސައްކަތް ފެށުންވާކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނީ ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ގަނީމާއެއް ގެއްލޭ ކަމަށެވެ. އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށެވެ. އެ ކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްގުން މަހުރޫމުވާ ކަމަށެވެ.
"މުއުމިނުންނަކީ ކާމިޔާބީގެ ސަބަބުތަކުގައި ހިފެހެއްޓުމަށް ފަހު، މާތް ﷲ އަށް ވަކީލުކޮށް، އެކަލާނގެ ހަޒުރަތަށް ރުޖޫއަވެ، އެމީހުންގެ ރިޒްގުގައި ބަރަކާތް ލެއްވުމަށް އެދި ދުއާކުރާ މީހުންނެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ދައްކަވާފައި ވަނީ މި ނަމޫނާ އެވެ،"
ރިޒްގަކީ ﷲ ބައްސަވާ އެއްޗެއް ކަމަށާއި އެކަލާނގެ މަހްލޫގާތުންގެ މެދުގައި ރިޒްގު ބައްސަވަނީ އެކަލާނގެ ދެނެވޮޑިގެންވާ ހިކުމަތެއްގެ މަތިންކަން ފާހަގަކޮށް ހުތުބާގައި ވަނީ އެކަލާނގެ ދެއްވާ ކޮންމެ އެއްޗެއްގައި ބަރަކާތް ލައްވާތޯ ހަމައެކަނި މާތް ﷲ އަށް ދުއާ ކުރުމަށް ގޮވާލާފަ އެވެ.