ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް ޗުއްޓީއަށް ދިޔައިރު32 އިންސައްތަ މަސައްކަތް ހުރީ ނުނިމި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުން މި އަހަރު ފުރަތަމަ ފަހަރަށް ޗުއްޓީއަށް ދިއުމަށް ޖަލްސާތައް މެދުކަނޑާލާފައިވަނީ، މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 އިންސައްތަ މަސައްކަތް ނިންމުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ދެވަނަ ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލިސް މިއަދު ޗުއްޓީއަށް ދިޔައިރު، މި ދައުރުގެ ތެރޭގައި 21 ޤާނޫނުގެ މަސައްކަތައި، 9 ޤަރާރާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލައާއި ރިޔާސަތުން ހުށަހަޅުއްވާފައިވާ 11 މައްސަލަ އަދި 16 ކުއްލި މައްސަލަ ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ބޮޑެތި ބިލްތަކުގެ މަސައްކަތް ނިންމައި މިއަދު އެ ބިލްތައް އިސްލާހުކޮށްފައިވާ ކަމަށާއި އެގޮތުން  ޖިނާއި އިޖުރާއަތުގެ ޤާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނެވުމާއި، ފެނާއި ނަރުދަމާގެ ބިލް ފާސްކުރެވުމާއި، ދިވެހިރާއްޖޭގެ ޤާނޫނުގެ ފަންނުގެ ބިލް ފާސްކުރެވުމާއި، އެއްގަމު ދަތުރުފަތުރުގެ ބިލަށް އިސްލާހް ގެނައުމާއި، އަދި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލް އީވާ ފާހަގަކުރެއްވިއެވެ.

"ކުރީއްސުރެން ހުށަހެޅިފައިވާ މަސައްކަތުގެ ތެރެއިން 68 ޕަސެންޓު މަސައްކަތް މެމްބަރުން މި ދައުރުގެ ތެރޭގައި ނިންމަވައި ދެއްވައިފި" އީވާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތުގައި އެންމެ ދުވަހެއްގެ ބްރޭކެއް ވެސް މަޖިލީހުން ނުނަގާކަން ފާހަގަކުރައްވާ މެމްބަރުންނަށް އެހާ ފުރިހަމަކޮށް މަސައްކަތް ކުރިއަށް ގެންދެވުނީ މަޖިލީހުގެ މުވައްޒަފުންގެ ހީވާގިކަމުން ކަމަށްވާތީ އެމުވައްޒަފުންނަށް ވެސް އީވާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!