ޚަބަރު

މޫސުމުގެ ބާރުގަދަ ވަނީ ޓްރޮޕިކަލް ދައުރުވުމެއްގެ ސަބަބުން: މެޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރާ ބާރުވަނީ މޭޑަން ޖޫލިއަން އޮސިލޭޝަން (އެމްޖޭއޯ) އޭ ކިޔާ ދައުރުވުމެއްގެ ސަބަބުން ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފި އެވެ.

Ads by Hajj Corporation

އިއްޔެއިން ފެށިގެން މި ހަފްތާގެ ހޮނިިހިރު ދުވަހަށް ރާއްޖޭގެ ސަރަހައްދުގައި މޫސުން ގޯސްވާ ސަބަބުގެ ތަފްސީލު ހާމަކޮށް ސަރުކާރުން ހިންގާ "ސަރުކާރު" ނޫހަށް މެޓުން ހިއްސާކޮށްފައިވާ މައުލޫމާތު ހިމެނޭ ހަބަރެއްގައި ބުނީ، މޭމަހު ހުޅަނގު މޫސުން ފެށި ކުރަމުންދާ ވިއްސާރައަށް ފަހު، އޮގަސްޓު މަހަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ދެން އެންމެ ވާރޭ ވެހެން ފަށާ މަސް ކަމަށެވެ.

މެޓުން ބުނީ، މޫސުމުގެ ވިއްސާރަ ރާއްޖެއަށް ފެށެނީ އިންޓަ ޓްރޮޕިކަލް ކޮންވާޖަންސް ޒޯން (ދުނިޔޭގެ އުތުރު ބިތާއި ދެކުނު ބިތުން (ދެ ހެމިސްފިއާއިން) ޖެހޭ ވައި އައިސް ގުޅޭ ހިސާބުގައި އުފެދޭ ވިއްސާރަ ވިލާގެ ބެލްޓް، ދެކުނުން އައްޑު ސަރަހައްދަށް މޭ މަހުގައި އެރުމުން ކަމަށެވެ.

"އަދި މަޑުމަޑުން މެދު ރާއްޖޭގެ އަތޮޅުތަކަށާއި އުތުރަށް ފެތުރި، އިންޑިޔާ އަދި ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހަމައަށް ފޯރައެވެ" މެޓުން ބުންޏެވެ.

އެ އިދާރާއިން ބުނީ، އިރު ވަށާ ދުނިޔެ ދައުރުކުރަމުންދާ ގޮތުން މި ބެލްޓް އޯގަސްޓް މަހުތެރޭ މަޑުމަޑުން އަނެއްކާވެސް ދެކުނަށް ޖެހޭނެ ކަމަށެވެ. އެގޮތުން ދެކުނު އިންޑިއާ ފަސްދޭން ފަށާ، ރާއްޖެ މައްޗަށް އެރުމަށް ފަހު ޑިސެންބަރު މަސްތެރޭ އައްޑު އަތޮޅު ފަސްދިނުމުން ރާއްޖެ ސަރަހައްދަށް އިރުވައި ފެށިގެންދާނެ އެވެ.

މި ދައުރުވާ ދައުރުވުން އެކި އަހަރު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ގެނުވާ އިތުރުކަންކަން ހުންނަ ކަމަށް މެޓުން ބުންޏެވެ. އެއިން ފުރަތަމަ ކަމަކީ ދިގު މުއްދަތަކަށް ބޮޑު ސަރަހައްދަކަށް އަންނަ ބަދަލުތަކެވެ. މިދުވަސްވަރު އެގޮތުން ފާހަގަކުރެވެނީ އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) ޕޮޒިޓިވް ހާލަތުގައި ހުރުން ކަމަށް މެޓުން ބުންޏެވެ. މިހާލަތުގައި ހުޅަނގު އިންޑިއާ ކަނޑުގެ ހޫނުމިން އިރުމަތީ ބިތަށްވުރެއް މަތިވާނެ ކަމަށާއި އެހެންކަމުން ރާއްޖެ ސަރަހައްދުގައި ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެ ދެވަނަކަމަކީ ކުރުމުއްދަތަކަށް ކުޑަ ސަރަހައްދަކަށް އަންނަ ބަދަލުތައް ކަމަށް މެޓުން މައުލޫމާތުދެ އެވެ.

މެޓުން ބުނީ ދެވަނަ ކަމަކީ ކުރުމުއްދަތަކަށް ކުޑަ ސަރަހައްދަކަށް އަންނަ ބަދަލުތަކެއް ކަމަށެވެ. އެގޮތުން މިދުވަސްވަރު ފާހަގަކުރެވެނީ އެމްޖޭއޯއޭ ކިޔާ ދައުރުވުމެއް މިސަރަހައްދުގައި ބާރުގަދަވުން ކަމަށެވެ.

އެމްޖޭއޯ އަކީ ދުނިޔޭގެ ޓްރޮޕިކަލް ސަރަހައްދުގައި ހުޅަނގުން އިރަށް ދައުރުވާ ދައުރުވުމަކަށް ކިޔާ ނަމެކެވެ. އެމްޖޭއޯ ބާރުގަދަވާއިރު ވައިގަދަވުމާއި ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެ އެވެ. އެމްޖޭއޯ ދުނިޔެވަށާ ދައުރު ވަނީ ގާތްގަނޑަކަށް 45 ދުވަހުގެ ތެރޭގަ އެވެ.

އެގޮތުން 12 އޯގަސްޓް ހާތާ އެމްޖޭއޯ އިރުމަތީ އެޕްރިކާ ސަރަހައްދު ދޫކޮށް އަރަބި ކަނޑު ސަރަހައްދަށް އަރާ، 18 އޯގަސްޓް ހާއިރަށް ރާއްޖެ މަތިން އިރަށް ޖެހޭނެކަމަށް ބެލެވެއެވެ. އެމްޖޭއޯގެ ސަބަބުން ބޮޑަށް މޫސުން ގޯސްވެގެންދަނީ އެއަށް ބާރުދޭނެ އިތުރު ކަންކަން ހުރުމުންނެވެ.

މިހަފްތާއަށް ބަލާނަމަ އެއީ އިންޓާ ޓްރޮޕިކަލް ކޮންވާޖަންސް ޒޯންގެ ވައި އަދި ޕޮޒިޓިވް އައިއޯޑީގެ ކަނޑުގެ ހޫނުކަން ކަމަށް މެޓުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!