އިމާރާތް ކުރުމުގެ ގާނޫނު ގައި "ބާގަނޑެއް"، މެންބަރުންގެ ނުރުހުން އިދާރާތަކަށް
އިމާރާތް ކުރާ ފަރާތުން ޑިވެލޮޕްމެންޓް ކޮންޓްރޯލްތަކާއި ހިލާފަށް ކަމެއް ކުރިނަމަވެސް މަސައްކަތް ނިމޭތާ ދެ އަހަރު ފަހުން އެކަން ފާހަގަވެގެން ޕްލޭނިންގް އިދާރާއަށް ފިޔަވަޅު ނޭޅޭ ގޮތަށް ބިލުގައި އޮތުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ ގުޅިގެން އުފެއްދި ޖޮއިންޓް ކޮމިޓީން މިއަދު ވަނީ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ގުޅޭގޮތުން އިދާރާތަކުގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފަ އެވެ. މިއަދުގެ ކޮމިޓީގައި ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރު ވަނީ އެ ބިލުގެ 25 ވަނަ މާއްދާގެ ބ ގައިވާ ނުކުތާއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ނުކުތާގައި ބުނާ ގޮތުން އެއްވެސް ފަރާތަކުން ޑިވެލޮޕްމެންޓް ކޮންޓްރޯލްތަކާއި ހިލާފަށް މަސައްކަތް ކޮށްފައިވާކަން އެ މަސައްކަތެއް ކުރާތާ ދެ އަހަރު ދުވަސް ފަހުން ޕްލޭނިން އިދާރާއެއްގެ ސަމާލުކަމަށް އަތުވެއްޖެނަމަ، އެފަދަ ހާލަތެއްގައި މި މާއްދާގެ ދަށުން ނޯޓިސް ދީ ކޮށްފައިވާ މަސައްކަތް ރަނގަޅު ކުރުމުގެ ގޮތުން މި ގާނޫނުގެ ދަށުން އެއްވެސް ވިޔަވަޅެއް އެޅުމުގެ ހައްގު ޕްލޭނިން އިދާރާއަށް ލިބިގެން ނުވެ އެވެ.
ސަމީރު ވިދާޅުވީ ދެ އަހަރު ފަހުންވިޔަސް ގާނޫނާއި ހިލާފަށް ކަމެއް ކޮށްފިނަމަ ފިޔަވަޅު ނޭޅޭގޮތަށް އޮތުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި ސަމީރު ވިދާޅުވީ މި މާއްދާއަށް ރިއާޔަތް ކުރާނަމަ ރިސޯޓެއް ތަރައްގީ ކުރާއިރު ފަރު ހަލާކުކޮށްފައިވާކަން ދެ އަހަރު ފަހުން އެނގިއްޖެނަމަ އެކަމަށް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. ހަމަ އެގޮތަށް ގެއެއް އިމާރާތް ކުރާއިރު ހުއްދަ ދޫކޮށްފައިވާ ފަންގިފިލާގެ އިތުރަށް ދެ ފަންގިފިލާ އުފުލިކަން އިދާރާތަކުގެ ސަމާލުކަމަށް އައުމުން ފިޔަވަޅެއް ނޭޅޭ ގޮތަށް ގާނޫނުގައި ބަޔާން ކުރަނީތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުގެ ހިތުގަ ސުވާލު އުފެދޭ މި ހަމަ ރިޝްވަތާ ކޮރަޕްޝަނަށް ހުޅުވާލާ ދޮރެއް ނޫން ބާއޭ މިއީ"
ސަމީރުގެ މި ނުކުތާއަށް ބުރަދަނެއް ލިބޭގޮތަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ އެ ނުކުތާ އެނޫން އެހެން ގޮތަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. ގާނޫނުތަކާއި ނުވަތަ ގަވާއިދަކާއި ހިލާފު ވެއްޖެނަމަ 50 އަހަރު ފަހުން ވިޔަސް އެކަމަށް ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ސައުދުﷲ ދެކެވަޑައިގަންނަވަ އެވެ.
މި މާއްދާއާ ގުޅޭގޮތުން ކޮމިޓީގައި ހައުސިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޒުހުދުﷲ ސިޔާދު ވިދާޅުވީ އެ ބިލުގައި މާނަކޮށްފައި އެވަނީ ދެ އަހަރު ފަހުން އިމާރާތް ކުރާ ފަރާތާއިމެދު ފިޔަވަޅެއް ނޭޅޭނެ ގޮތަށް ކަމަށެވެ. އެހެންނަމަވެސް މިހާރުވެސް އޮންނަ އިމާރާތް ކުރުމުގެ ގަވާއިދުގެ ދަށުން އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ ފަރާތާއިމެދު ފިޔަވަޅު އެޅޭނެކަމަށް ސިޔާދު ވިދާޅުވި އެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި ބިލުގައި ބަޔާންކޮށްފައިވާ ދެ އަހަރުގެ މުއްދަތު މެމްބަރުގެ ހިޔާލާއި އެއްގޮތަށް އިތުރު ކުރެވިދާނެ އެވެ. މިގޮތަށް މިނިސްޓްރީން ބުނީ ދެ އަހަރަކީ މައްސަލައެއް ސަމާލުކަމަށް ގެނައުމަށް ކުރު މުއްދަތެއް ކަމުގައި ވިދާޅުވެ ބައެއް މެމްބަރުން ކޮމިޓީގައި ވާހަކަ ދެއްކެވުމުންނެވެ.
ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. މިއަދު ބޭއްވި ކޮމިޓީގެ މުގައްރިރުކަން ކުރެއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.