ޚަބަރު ރައްޔިތުންގެ މަޖިލިސް

މާލިއްޔަތު ކޮމިޓީގެ މެންޑޭޓާ މެދު ހިޔާލުތަފާތުވެ ކޮމިޓީ ހޫނުވެއްޖެ! 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް / ފޮޓޯ:މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މެންޑޭޓާ މެދު މެމްބަރުންގެ މެދުގައި ކުރެވެމުން އައި ބަހުސް ހޫނުވެ، މަޖިލިހުގެ ރައީސަށް ސިޓީ ފޮނުވާ ހިސާބަށް ގޮސްފި އެވެ.

Ads by MWSC

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހުށަހެޅިފައި ވަނީ "ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވަނެންސް ފޮ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭންސް ކޮމްޕެނީސް" ގެ ދެވަނަ އިސްލާހާ ގުޅޭގޮތުން މޯލްޑިވްސް ފައިނޭންޝަލް ސާވިސް އެސޯސިއޭޝަނުން ފޮނުވާފައިވާ މައްސަލަ އާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މަޝްވަރާއަށް ހުޅުވާލުމުން ކެލާ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވީ އެކަމާ ގުޅޭ މަޝްވަރާ މާލިއްޔަތު ކޮމިޓީގައި ކުރިއަށް ގެންދަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ޝަރީފްގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު މަމްދޫހެވެ.

އެ ހުށަހެޅުން ތަފުސީލުކޮށްދެއްވަމުން ކޮމިޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ޝަރީފް ހުށަހެޅުއްވި މައްސަލައަކީ ގަވާއިދާ ބެހޭ މައްސަލައަކަށް ވާތީ އެ ފޮނުވަން ޖެހޭނީ ގަވާއިދު ކޮމިޓީއަށް ކަމަށެވެ.

އެއަށްފަހު ވާހަކަ ދެއްކެވި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އެއީ މާލިއްޔަތު ކޮމިޓީ އާ ގުޅުންހުރި މައްސަލައެއް ކަމަށެވެ.

އެކަމަށް ބާރު ދެއްވަމުން ޝަމްހީދު ވިދާޅުވީ މާލީ އިދާރާތައް މިނިވަންކަމާ އެކީގައި މިހާރު ކުރިއަށްދާ ދިއުމަކީ ގަބޫލު ކުރެވޭ ކަމަކަށްވާއިރު މަރުކަޒީ ބޭންކު، އެމްއެމްއޭގެ ރެގިއުލޭޝަނަށް ގެނައި ބަދަލަކީ ބޯޑުތަކަށް ސިޔާސީ ގޮތުން އައްޔަންކުރެވިފައި ތިބޭ މީހުންނަށް އެފަދަ ތަންތަނުގެ ބޯޑަށް ވަދެ ބޯޑު ސިޔާސީ ކުރެވޭނެ ކަމެއް ކަމަށެވެ. އެއީ ބޭންކިން ނިޒާމު ސިޔާސީ ކޮށްލަން ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އެހެންވެ ހުށަހެޅިފައިވާ މައްސަލަ ކޮމިޓީން ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޝަމްހީދުގެ ވާހަކައަށް ބާރުދެމުން ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވެސް ފާހަގަކުރެއްވީ ސެންޓްރަލް ބޭންކަކީ ކޮމިޓީގެ މެންޑޭޓުގެ ތެރެއަށް ވަންނަ ތަނެއް ކަމަށެވެ. އެތަނަށް ބަދަލުތައް ގެނެވޭއިރު މެމްބަރުންނަށް ވާނުވާ ސާފުވާން ޖެހޭނެ ކަމަށް ވިދާޅުވެ ޝަމްހީދުގެ ހުށަހެޅުއްވުމަށް ގަޕޯ ތާއީދުކުރެއްވި އެވެ.

ގަޕޯގެ ވާހަކަ އާއެކު ފުރުސަތު ހޯއްދަވައި ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރުޒޫގު ވަނީ ހުށަހެޅުމެއް ހުށަހަޅުއްވާފައި ވަނިކޮށް ކޮމިޓީގައި މަޝްވަރާ ކުރިއަށް ދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ވިދާޅުވީ މަޝްވަރާ ކުރާނަމަ ކުރަން ވާނީ ވޯޓަކަށް އެހުމަށް ފަހުގައި ކަމަށެވެ.

އޭނާގެ ވާހަކަ އާއެކު ގާސިމް ވަނީ މެމްބަރުންގެ ވޯޓަށް ހުޅުވާލައްވާފަ އެވެ. ކެލާ ދާއިރާގެ މެމްބަރުގެ ހުށަހެޅުއްވުމަށް ފަސް ވޯޓު ލިބުނުއިރު، ޝަމްހީދުގެ ހުށަހެޅުއްވުމަށް ލިބުނީ ދެ ވޯޓެވެ.

މައްސަލަ ބެލުމަށް ގަވާއިދު ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް ފާސް ކުރުމަށް ފަހު ނިންމުން އެ ކޮމިޓީއަށް އަންގައިދިނުމަށް އެދި ގާސިމް ވިދާޅުވީ ކަން ހިނގި ގޮތުގައި ނިޒާމީ މައްސަލައެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެ ވާހަކަތަކާ އެކު މެމްބަރުންގެ މެދުގައި އުފެދުނު ނުތަނަވަސް ކަމުގައި ކޮމިޓީއަށް އަމިއްލަ ގޮތް ނިންމޭނެތޯ ޝަމްހީދު ސުވާލު އުފެއްދެވި އެވެ.

އެ ވާހަކަތަކާ އެކު މުގައްރިރު ވިދާޅުވީ ގަވާއިދުތަކާ ގުޅުންހުރި މައްސަލަތައް ބަލަން ދާއިމީ ކޮމިޓީއެއް އޮންނައިރު ކަމާ ގުޅުންހުރި މައްސަލަތައް ދާން ޖެހޭނީ އެ ކޮމިޓީއަށް ކަމަށެވެ. ވުމާ އެކު މައްސަލައިގެ ބަހުސް އިތުރަށް ކުރިއަށް ގެންދަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"މައްސަލައިގައި އެއްވެސް ހިތްހަމަނުޖެހުމެއް އޮވެއްޖިއްޔާ، ކޮމިޓީން މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ތިބޭފުޅުން މަޖިލިހުގެ ރައީސަށް ލިޔުއްވަން ވާނެ،" ގާސިމް ވިދާޅުވި އެވެ.

ގަޕޯ ވިދާޅުވީ އެކަމަކީ އިދާރީ ހިންގުމުގެ ތެރެއިން އައި ކަމެއް ކަމަށެވެ. އެހެންކަމުން މައްސަލައަކީ ބަލަން ޖެހޭ މައްސަލައެއް ނޫން ކަމަށް ނިންމާ، މައްސަލަ ކޮމިޓީން ބޭރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ގަޕޯގެ ވާހަކަތަކަށް ރައްދުދެއްވާ މުގައްރިރު ވިދާޅުވީ އިދާރީ ހިންގުމުގެ ތެރެއިން ފޮނުއްވާފައި އޮތް ކަމުގައި ވީ ނަމަވެސް އަދި އެ ނޫން ކަމެއް ވިޔަސް ކޮމިޓީގެ އަގުލަބިއްޔަތުން މިހާރު ގޮތް ނިންމާފައިވާ ކަމަށެވެ.

"ދެން މިކޮޅަށް ފޮނުވައިފިއްޔާތާ އަޅުގަނޑުމެން ދެން އިތުރަށް ވާހަކަ ދައްކާނީ. ދެން މި ހިސާބުން މި ބައި ނިމުނީ. ދެން އިތުރަށް މައްސަލާގައި ބަހުސެއް އަޅުގަނޑުމެން ނުކުރާނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވާހަކަދައްކަވަމުން ދަނިކޮށް ނިންމުމާ މެދު ނުރުހުން ފާޅުކުރައްވާ ގަޕޯ އަނެއްކާވެސް ވާހަކަ ފެއްޓެވި އެވެ. ވާހަކަ އާ ގުޅިގެން މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު، ކޮމިޓީގައި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ނިންމައި، މިއަދުގެ ބައްދަލުވުން ވަނީ ނިންމާލާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!