ޚަބަރު ދީން

ކުރާ ކަންކަން ލިޔުއްވަން މަލާއިކަތުން ލައްވާފައިވާކަން ދަނެ އަމަލުތައް ސީދާ ކުރަން ޖެހޭ: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ގުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމުގައި ހުތުބާގައި ބުނި / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މުއުމިނުން ވާން ޖެހޭނީ ސިއްރާއި ފާޅުގައި ކުރާ އަމަލުތައް ލިޔުއްވުމަށް، ކޮންމެ މީހަކާ އެކު اللَّه މަލާއިކަތުން ލައްވާފައިވާކަން ދަނެ، އަމަލުތައް ސީދާކޮށް اللَّه އަށް ތަގުވާވެރިވާ ބަޔަކަށް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

Ads by Sosun Fihaara

މަލާއިކަތުންނަށް އީމާންވުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނި ގޮތުގައި މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމުގަ އެވެ. އެއީ اللَّه މާތްކުރައްވާފައިވާ މަހްލޫގުންތަކެއް ކަމުގަ އެވެ.

މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ގުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމުގަ އެވެ.

މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބައެއް ނޫން ކަމުގަ އެވެ. ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ގަބޫލު ކުރުންތަކެއް ފެތުރިފައިވާ ކަމުގައި ހުތުބާގައި ބުންޏެވެ.

އޭގެ ތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމަށާއި އެއީ اللَّه ގެ އަންހެންދަރީން ކަމުގައި ގަބޫލު ކުރުން ހިމެނޭ ކަމުގަ އެވެ.  

ހުތުބާގައި ބުނީ މަލާއިކަތުންނަށް ކެއިންބުއިމާއި ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެ ކަމަށެވެ. އެބައިމީހުން اللَّه އަށް ނުއުރެދޭނެ ކަމަށާއި އެންގެވި ކަމެއް ކުރައްވާނެ ކަމަށެވެ.

މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަހްލޫގުން ކަމުގައި ނުވިޔަސް، اللَّه ގެ އިޒުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެެއް ކަމަށެވެ.

ލޫތުގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް އަޒާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް اللَّه ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަމަށް ހުތުބާގައި ބުންޏެވެ.

ބައެއް މީހުންނަށް اللَّه ލައުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވޭ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ. އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުން ކަމަށާއި ކީރިތި ގުރްއާނުގެ ނައްސުން ސާފުކޮށް އެނގޭ ގޮތުގައި އިބިލީހަކީ ޖިންނިއެއް ކަމަށް ހުތުބާގައި ބުންޏެވެ.

"އިބިލީހަކީ اللَّه އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެކެވެ. އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނީ އެވެ. ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވި އެވެ." 

އެ ކަމުގެ ނަތީޖާއެއްގެ ގޮތުން اللَّه ގެ ރަހްމަތުން އޭނާ ދުރުކުރެވުނު ކަމަށެވެ. އަދި އަބަދަށް ޓަކައި އޭނާއަށް ލައުނަތް ލެއްވުނު ކަމަށެވެ.

ހުތުބާގައި ބުނި ގޮތުގައި މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވާފައި ވަނީ ނޫރުންކަން ގަބޫލުކުރުން ހިމެނޭ ކަމުގަ އެވެ. ކީރިތި ރަސޫލާ ހަދީސްކުރެއްވި އެވެ. "މާތް اللَّه މަލާއިކަތުން ހެއްދެވީ ނޫރުންނެވެ. އަދި ޖިންނީން ހެއްދެވީ ދުންނާރާ އަލިފާނުންނެވެ. އަދި އާދަމުގެފާނު ހެއްދެވީ ތިޔަބައިމީހުންނަށް ސިފަކޮށްދެވިފައިވާ ފަދައިންނެވެ." (އެބަހީ: ފެނާއި މަށީންނެވެ.)

މަލާއިކަތުންނަކީ މާތް اللَّه އަށް ކިޔަމަންގަތުމަށް ހައްދަވާފައިވާ ބައެއް ކަމުގަ އެވެ. މަލާއިކަތުންގެ އަދަދު  اللَّه ފިޔަވައި އެއްވެސް މަހްލޫގަކަށް ނޭނގޭނެ ކަމުގަ އެވެ.

"އަރުޝި އުފުއްލެވުމަށް މަލާއިކަތުންވެ އެވެ. ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވާފައި ވެ އެވެ. ޖިބްރީލުގެފާނަކީ ވަހީގެ މަލާއިކަތާ އެވެ. އޭގެ އިތުރަށް ގިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި މަހްލޫގުންގެ މަރުހިއްޕެވުމަށް މަލާއިކަތުން ވެ އެވެ. اللَّه تَعَالَى އަށް ކިޔަމަންގަނެ އަޅުކަންކޮށް، ގުރްއާން ކިޔަވައި، اللَّه ހަނދުމަކުރާ މީހުންނަށް ރަހްމަތްލެއްވުމަށް އެދި ދުއާކުރައްވާ މަލާއިކަތުން ވެ އެވެ. މީސްތަކުންގެ އަމަލުތައް ލިޔުއްވާ މަލާއިކަތުން ވެ އެވެ."

ވުމާ އެކު، މުއުމިނުން ވާން ޖެހޭނީ ސިއްރާއި ފާޅުގައި ކުރާ އަމަލުތައް ލިޔުއްވުމަށް، ކޮންމެ މީހަކާ އެކު اللَّه މަލާއިކަތުން ލައްވާފައިވާކަން ދަނެ، އަމަލުތައް ސީދާކޮށް اللَّه އަށް ތަގުވާވެރިވާ ބަޔަކަށް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ. 

  1. Ny weekly You’re so awesome! I don’t believe I have read a single thing like that before. So great to find someone with some original thoughts on this topic. Really.. thank you for starting this up. This website is something that is needed on the internet, someone with a little originality!