ހަގީގީ ހާދިސާ

ހަޤީޤީ ހާދިސާ: ބޭބެގެ ފަހު ވަސިއްޔަތް ފުއްދައިނުދެވުމުން މުޅި އުމުރަށް އެކަމާ ހިތާމަކުރާ ޒުވާނެއްގެ ވާހަކަ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔޭގެ ޙަޔާތަކީ ކުރު ޙަޔާތެކެވެ. ގާތްތިމާގެ މީހުންނާއި އެކުވެރީންގެ ކުއްލި މަރުގެ ޚަބަރު އަހަރެމެން އަޑު އަހަނީ މަދެއް ކޮށެއް ނޫނެވެ. މަރުގެ ޚަބަރާއެކު ކުއްލި ސިހުމާއި ހިތާމައިގައި ތިބީ މަދު ބައެއް ނޫނެވެ. ހަމައެއާއެކު މަރުވެގެންދާ ގާތް މީހެއްގެ ނުވަތަ އެކުވެރިއެއްގެ އެދުމެއް ، ބޭނުމެއް ނުފުއްދައިދެވި އޮތްނަމަ އެކަމުގެ ހިތާމަ ހަމަ ކޮންމެ ދުވަހަކު ކުރަންޖެހެއެވެ. އެ ހަނދާންތައް ޙަޔާތުގެ ކޮންމެ ދުވަހަކު ނަފްސު ކުށްވެރި ކުރުވައެވެ.

Ads by MWSC

މިއީ އެފަދަ ވާހަކައެކެވެ. ބޭބެގެ އެދުމެއް ނުފުއްދި ވަނިކޮށް މަދު ގަޑިއިރު ފަހުން ބައްދަލު ކުރަން ޖެހުނީ ބޭބެގެ ފުރާނަ ނެތް މަސްގަނޑާއެވެ.

"އޭރު އަހަރެން ކިޔަވަމުން ދިޔައީ ރަށު ސުކޫލުގެ ގުރޭޑު 5 ގައެވެ. އުމުރުން އެންމެ 11 އަހަރެވެ. މުޅި ދުވަސް ހޭދަކުރަމުން ދިޔައީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ކުޅިވަރާއި މަޖަލުގައެވެ. އެހެންމީހުންގެ އާއިލާއެއްވާ ފަދައިން އަހަރެންގެވެސް އާއިލާއެއް ވެއެވެ. އެހެންނަމަވެސް އަހަރެންނަށް މި އާއިލާއާއި އެކު ވަގުތު ހޭދަކުރުމަށް ލިބެނީ ވަރަށް މަދު ފުރުސަތު ތަކެކެވެ. އާއިލާގައި މަންމައާއި ބައްޕަގެ އިތުރުން ދެން ހުންނާނީ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ.

ދުވަހަކީ އުޑުމަތި ސާފު ހިތްގައިމު ދުވަހެކެވެ. އާދައިގެ މަތިން އަހަރެން ބޭރުގައި ކުޅެން އުޅުމަށްފަހު ގެއަށް އައީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އެވަގުތު މަންމަ އަވަދިނެތި އުޅުނީ ފޮށި ތަންމަތި ބަނުމުގައެވެ. އަހަރެން މަންމަ ކުރެން ސުވާލު ކޮށްލީމެވެ. “ މަންމާ. ކޮންތާކަށް ދާން ތިއުޅެނީ؟” އެވަގުތު މަންމަ ހާސްކަމާއިއެކު ދިން ޖަވާބުން އަހަރެންނަށް މާބޮޑު އަސަރެއް ނުކުރިއެވެ. އެއީ ކިތަންމެ ހިތްދަތި ވާހަކައެއްކަމުގައި ވީނަމަވެސް އެދުވަހު އަހަރެން ވަނީ އެ ވާހަކަ އިވިއިވި އެއަށް ހޭނިފައެވެ.

އާދޭހެވެ. މަންމަ އެއުޅެނީ އަހަރެންގެ ހުރި ހަމައެކަނި ބޭބެ ގޮވައިގެން މާލެ ފުރާށެވެ. އެބޭބެގެ ހާލު ހުރިގޮތުން ރަށުން ފަރުވާއެއް ދެވެން ނެތުމުންނެވެ. ބޭބެއަކީ ލޭ އަޅަން ޖެހޭ ކުއްޖެކެވެ. ރަށުގައި އޭރު ލޭއެޅޭނެ މާރަނގަޅު އިންތިޒާމެއް ނެތުމުގެ ސަބަބުން އަބަދުހެން އުޅެން ޖެހެނީ ރަށުން ބޭރުގައެވެ. އެހެންނަމަވެސް މިފަހަރު ބޭބެ ގޮވައިގެން މާލެ ފުރަން ޖެހުނީ ކީއްވެ ކަމެއް އަސްލު އަހަންނަކަށް ނޭނގެއެވެ. އެއީ އަހަރެންގެ ސިކުނޑިއަށް އެއީ ކިހާ ބޮޑު ކަމެއްކަން ނުވިސްނުނީ ކަމަށް ވެސް ވެދާނެއެވެ.

މަންމަމެން މާލެއަށް ފުރައިގެން ދިޔަތާ 3 ދުވަސް ވެއްޖެއެވެ. ބޭބެގެ ހާލެއް އަހަންނަކަށް ނޭނގެއެވެ. އެންމެ ކުޑަ އިރުންސުރެން ފެށިގެން ކަންތައް މިހެން ދިއުމާ ގުޅިގެން، އަހަންނަށް މަންމަ ގާތުގައި ނެތަސް އެކަން އަހަންނަށް މާބޮޑު ކަމަކަށް ނުވެއެވެ. އެކަމާއި މެދު ނުވެސް ވިސްނެއެވެ. ވީއިރު ބޭބެ މަތިން އަމުދުން ހަނދާން ވާނީ ކިހިނަކުން ހެއްޔެވެ؟

އާދައިގެ މަތިން އަހަރެން އެދުވަހު ސުކޫލަށް ދިޔައީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތިއެވެ. ދިރިއުޅުމުގެ ކަށި އެނބުރޭ ގޮތެއް ނޭނގެއެވެ. ޙަޔާތަށް ބިންދާލަން އޮތް ބިޔަ ރާޅެއް ވިސްނާލަން ވެސް ނޭނގެއެވެ. ބަނޑުހައިވެފައި ހުރުމުގެ ސަބަބުން އަހަރެން ބުރޭކު ގަޑިއަށް ގެއަށް އައީ ވަރަށް އަވަސް އަރުވާލައިގެންނެވެ. ހީކުރި ގޮތާއި ފެނުނު މަންޒަރުތައް، އުޑާއި ބިމާހާއި ތަފާތެވެ. ގެއަށް އައީ މީރު ކާ އެއްޗެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ.

އެހެނަސް ލިބުނު ޚަބަރަކުން ފައިދަށުން ބިންގަނޑު ދަމައިގެން ކަހަލައެވެ. ހުރެވުނު ތަންވެސް ނޭނގޭ ކަހަލައެވެ. އަހަރެންގެ ހުރި ހަމައެކަނި ބޭބެ އެދުވަހު އެއޮތީ މަރާއި ހަނގުރާމަ ކުރާށެވެ. ހާލުދެރަވެ ޑޮކްޓަރުންގެ އުއްމީދު ކަނޑާލައިފައެވެ. އެވަރުންވެސް އެ ބޭބެ އެދުނީ އަހަރެންނާއި ވާހަކަ ދައްކާލުމަށެވެ. ހިތްމަތީ އަތްއަޅައިގެން ހުރި ހާލުވެސް އަހަރެން މަސައްކަތް ކުރީ ކަރުނަތައް ހިންދާލުމަށްފަހު އަހަރެންގެ ހިތާމަތައް އެ ބޭބެ އަށް ފޮރުވުމަށެވެ.

ބަލިއެނދުގައި އޮތް ހާލު އެބޭބެ ކަންބޮޑުވީ އަހަރެންގެ ޙާލާއި މެދުގައެވެ. އަހަރެންގެ ހާލު އަހުވާލު ބެލުމަށްފަހު ބޭބެ އަހަރެން ފަރާތުން އެދުނީ އެބޭބެގެ އެންމެ ގާތް އެކުވެރިޔާއާއި ވާހަކަދެއްކޭނެ ގޮތް ހަދައިދިނުމަށެވެ. އެކަން ކޮށްދޭނަމޭ ބުނެ އަހަރެންގެ ފޯނު މާމަ އަތަށް ދިނުމަށް ފަހު މިސްކިތާއި ދިމާލަށް މިސްރާބު ޖެހީމެވެ. ފެންކަޅިވެފައިވާ ހާލު އަހަރެން ނަމާދުކޮށް އެ ބޭބެއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުން އެދި އެކަލާނގެ ހަޟްރަތުން ދުޢާ ދެންނެވީމެވެ.

ބުރޭކަށް ފަހު ސުކޫލަށް ގޮސް ރައްޓެހިންނާއި އެކު ވަގުތު ހޭދަ ކުރަން ފެށުމުން ބޭބެގެ މަތިން ހަނދާން ނެތުނެވެ. ސުކޫލު ނިމުނު ގަޑީގައި އެދުވަހު އަހަރެން ބަލާ އައީ ގޭގެ އަވައްޓެރި ދައްތައެކެވެ. ދައްތައާއި އެކު ގެއަށް ދިޔަ މަގުމަތީގައި އާދަޔާއި ޚިލާފު މަންޒަރެއް އަހަންނަށް ފެނުނެވެ. އެދުވަހު މުޅި ރައްޔިތުންހެން ގޭދޮށަށް ޖަމާވެފައި އޮތެވެ.

ހާސްކަމާއެކު، ކަންބޮޑުވެ ހުރެ، އެ އެންމެންތައް ފޭކުރަމުން އަހަރެން ދިޔައީ އަހަރެންގެ މާމަ ގާތަށެވެ. މާމަ ގާތަށް ގޮސް ހުއްޓުނީމެވެ. މާމައަށް އަހަރެން ފެނުމާއެކު މާމަގެ ލޮލުން ހޯސް ލައިފައި ކަރުނަތައް ފައިބަން ފެށިއެވެ. އަދި މާމަގެ އަޑު ތުރުތުރު އަޅާ ހާލު ބޭބެގެ މަރުގެ ޚަބަރު އަހަންނަށް އިއްވިއެވެ. ބޭއިޚުތިޔާރުގައި ހުރިތަނަށް އަހަރެން ތިރިވެ އަޑުން އަޑުނަގައި އަހަރެންނަށް ފެށުނީ ރޯށެވެ. އެވަގުތު އަހަރެންގެ ސިކުނޑިއަށް ސަވާރުވީ، އެބޭބެގެ އެންމެ ފަހުގެ އެދުން ވެސް ފުއްދައި ނުދެވުނު ކަމެވެ.

އެހެންނަމަވެސް ކުރާނީ ކީއްހެއެޔެވެ؟ ވަގުތު ފާއިތު ވެއްޖެއެވެ. އެ ފޯނު ކޯލަކީ ބޭބެގެ އެންމެ ފަހުގެ ވާހަކަކަން ކުރިން އެނގުނު ނަމައެވެ. ސުކޫލުން އައިސް ބޭބެގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ގުޅައިދިނުމަށް ހުއްޓައި، ކަންވީ ހީނުކުރާ ފަދަ ހިތި ގޮތަކަށެވެ. ތަޤުދީރުގައި ލިޔުއްވާފައިވާ ކަމެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ ނޫންހެއްޔެވެ؟ ބޭބެގެ މިއެދުން ފުއްދައި ނުދެވުނު ކަމަށްޓަކައި އަހަރެންގެ މުޅި ޙަޔާތް ހޭދަކުރަން ޖެހިފައި މިވަނީ އެކަމުގެ ހިތި ހަނދާނާއި ދުރު ނުވެވިގެންނެވެ.

މިއީ އަހަރެންގެ ހުރި ހަމައެކަނީ ލޯބިވާ ބޭބެ މި ފަނާވަނިވި ދުނިޔެ ދޫކުރި ގޮތުގެ ވާހަކައެވެ. މިއަދު އަހަރެން ގާތުގައި ބޭބެ ނެތް ނަމަވެސް އެ ބޭބެއާއި އެކު ވީ ކުޑައިރުގެ ހަނދާން ތައް ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެއެވެ. އަހަރެންގެ ދުޢާއަކީ ބޭބެއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، އެބޭބެ އާއިއެކު މިއަޅާ ސުވަރުގޭގައި ލެއްވުމެވެ. އާމީން."

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!