ދުނިޔެ

އެންމެފަހުން "ސިޔާސީ" ކެމްޕޭން ވެސް ސްޝާންތުގެ ފޮޓޯ ހިމަނައިގެން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މިއަހަރުގެ ޖޫން 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސުޝާންތު ސިންގު ރާޖުޕޫތުގެ ފޮޓޯއެއް ޕޯސްޓަރުތަކުގައި ހިމަނައިގެން އިންޑިއާގެ ވެރިކަން ކުރާ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކެމްޕޭނެއް ފަށައިފިއެވެ.

Ads by Sosun Fihaara

ބީޖޭޕީގެ ކަލްޗަރަލް ގޮފިން ބިހާރުގައި ކުރިއަށް ގެންދާ މި ކެމްޕޭނުގެ ޝިއާރަކީ " ނަބޫލޭ ހޭ، ނަބުލްނޭ ދޭނގޭ" ނުވަތަ " ހަނދާނެއް ވެސް ނުނެތޭ ، އަދި ހަނދާން ނެތުނަކަ ވެސް ނުދޭނަން" އެވެ.

މި ކެމްޕޭނާއި ގުޅޭ ގޮތުން ކަލްޗަރަލް ގޮފީގެ އޮފިޝަލެއް ކަމަށްވާ ވަރުން ސިންގު އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ 16 ޖޫން އިން ފެށިގެން ސުޝާންތަށް އިންސާފު ހޯދައިދިނުމަށް ކެމްޕޭން ކުރަމުންދާ ކަމަށާއި މި ކެމްޕޭނާއި ސިޔާސީ އެއްވެސް ކަމަކާއި ގުޅުމެއް ނެތް ކަމަށެވެ.

މި ކެމްޕޭނަކީ ސިޔާސީ ކެމްޕޭނެއް ކަމަށް ދެކެވޭ ވާހަކަތަކަށް ބީޖޭޕީގެ ބިހާރުގެ ރައީސް ސަންޖޭ ޖައިޝްވަލް ވެސް ވަނީ ރައްދު ދީފައެވެ.

" އޭނާ (ސުޝާންތަކީ) ބިހާރު ރައްޔިތެއްގެ ދަރިއެއް، އޭނާގެ އާއިލާއަށް އިންސާފު ލިބެން ޖެހޭނެ ، މީގައި މައްސަލައަކީ ކޮބާ؟" އޭނަ ބުނެފައިވެއެވެ.

ސުޝާންތު ސިންގުގެ މަރުގެ މައްސަލަ މިހާރު އިންޑިއާގެ ސެންޓްރަލް ބިއުރޯ އިންވެސްޓިގޭޝަން (ސީބީއައި) އިން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ޑިޕްރެޝަންގެ ޝިކާރައަކަށްވި ސުޝާންތުގެ މަރުގެ ފަހަތުގައި ވަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ކަމަށް ސުޝާންތުގެ އާއިލާއާއި ހަވާލާދީ މީޑިއާތައް ބުނެއެވެ. އެގޮތުން ރިއާ ވަނީ ސުޝާންތަށް ބާރުގަދަ ބޭސްތަކެއް ދީފައި ކަމަށާއި އަދި ރިއާގެ ބެލުމުގެ ދަށުގައި ހުންނަ ސުޝާންތުގެ ކުރެޑިޓްކާޑާއި ބޭންކު އެކައުންޓްތަކުން ވެސް އެތައް މިލިއަން ރުޕީސްއެއް ރިއާ ބޭނުން ކޮށްފައިވާ ކަމަށް ސްޝާންތުގެ ބައްޕައާއި ހަވާލާދީ ބުނެފައިވެއެވެ.

ސުޝާންތަށް އިންސާފު ހޯދައި ދިނުމަށް ބީޖޭޕީއިން މި ކެމްޕޭން ފަށާފައި މިވަނީ އާންމު އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށެވެ. މިއަހަރުގެ އޮކްޓޫބަރ މަހުގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ މި އިންތިޚާބުގައި ލޮކްޝަބާގެ ބައިއިލެކްޝަނާއި ރާޖްޝަބާގެ 73 ގޮނޑިއަށް މެމްބަރުން ހޮވުމާއި ތިން ސްޓޭޓެއްގެ ސްޓޭޓް އެސެމްބްލީއަށް މެމްބަރުން އިންތިޚާބު ކުރުން ހިމެނެއެވެ. މި ސްޓޭޓްތަކުގެ ތެރޭގައި ސުޝާންތަށް އިންސާފު ހޯދައިދިނުމަށް ކެމްޕޭން ކުރިއަށްދާ ބިހާރު ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!