ޑޮލަރު އުސޫލު އިއާދަ ކުރީ ސީދާ ރައީސް މުއިއްޒު ބީއެމްއެލްއަށް އެދިވަޑައިގެންނެވުމުން
ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓު ދަށްކޮށް، ޑޮލަރުގެ ހިދުމަތްދޭ އުސޫލަށް މިއަދު ހެނދުނު ގެނައި ބަދަލުތައް އުވާލައި ކުރިން އޮތް ގޮތަށް އުސޫލު ބަދަލު ކުރީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭންކުގެ މެނޭޖުމެންޓާއި ބައްދަލުކުރައްވައި އެގޮތަށް އެދިވަޑައިގެންނެވުމުން ކަމަށް ސަރުކާރުން ބުނެފި އެވެ.
އިގްތިސޯދީ ވުޒާރާއާއި، މާލީ ވުޒާރާ އަދި ހާރިޖީ ވުޒާރާގެ އިތުރުން ބަންޑާރަ ނައިބުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ރައީސް އޮފީހުގައި ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރުގެ ހިދުމަތް ނުދިނުމަށާއި ޑޮލަރު ލިމިޓު 100 ޑޮލަރަށް ކުޑަކުރަން ނިންމީ ރައީސް ޑރ. މުއިއްޒު އެގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންފައި ވަނިކޮށް ކަމަށެވެ.
"ބީއެމްއެލްއިން މިއަދު އަމަލު އެ ކުރީ އެކަން އެގޮތަށް ނުކުރައްވަން ސީދާ ރައީސް އަންގަވާފަވެސް އޮއްވާ"
ވަޒީރު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލައިގައި ކެބިނެޓުގައި އޮތް އިކޮނޮމިކް ކައުންސިލުން ސީދާ ބީއެމްއެލްގެ މެނޭޖުމެންޓާއެކު މަޝްވަރާތަކެއް ކުރި އެވެ. އަދި މިކަމާއި ގުޅިގެން މިވަގުތަށް އެއްވެސް ފިޔަވަޅެއް ނާޅައި މަޑުކުރަން ދެ ފަރާތުން ވާހަކަ ދައްކައިގެން ނިންމި އެވެ.
ވަޒީރު ސައީދު ވިދާޅުވީ ބީއެމްއެލް ތެރޭގައި ކުއްލިއަކަށް މިހާލަތު ބަދަލުވިގޮތް ދެނެގަންނަން އަމަލު ކުރަންޖެހޭނީ ކޯޕަރޭޓް ގަވަނެންސް އުސޫލުން ކަމަށެވެ. ސަރުކާރުގެ ހިއްސާ އޮތްނަމަވެސް ބޭންކުން ނިންމާ ނިންމުންތަކަށް ސަރުކާރުން ފުރުސަތު ދޭނެ ކަމަށާއި އިންޓަވީން ކުރަނީ އެފަދަ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.
"އަޅުގަނޑުމެންގެ ރައީސަށް މުހިންމޭ ރާއްޖެއިން ބޭރުގަ ކިޔަވަން ތިބޭ ކުދިން..... ރައީސުލްޖުމްހޫރިއްޔާވެސް މަޝްވަރާ ކުރެއްވި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯއާ. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ނިމިގެން މި ދިޔައީ އިހުވެސް އޮތް ގޮތަށް މިކަންތައްތައް ކުރުމަށާ، ބީއެމްއެލްއާ އެމްއެމްއޭއާ ވާހަކަ ދައްކާ ކަންތައްތަކެއް ކުރުމަށް"
ބޭންކުގެ ނިންމުން މިއަދު ހަވީރު ވަނީ ބަދަލުކޮށްފަ އެވެ. އެއާއެކު ކުރިންވެސް ޑޮލަރު ދޫކުރަމުން ދިޔަ އުސޫލުތަކަށް އަމަލު ކުރާނެ އެވެ. މިގޮތަށް ނިންމުން ބަދަލު ކުރިއިރު އެމްއެމްއޭއިން ބޭންކަށް ދިނީ ކޮން ޔަގީންކަމެއްތޯ އެހުމުން ވަޒީރު ވިދާޅުވީ އެކަންކަމުގެ ތަފްސީލަށް ދެވޭނީ މަޝްވަރާތައް ނިމުމުން ކަމަށެވެ.
އެހެންނަމަވެސް ބޭންކުގެ ހުށަހެޅުންތަކެއް ސަރުކާރަށް ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭއިން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަަމަށްވެސް ވަޒީރު ވިދާޅުވި އެވެ.