ޚަބަރު

ދަރަނި ބޮޑުވީ ސަރުކާރުގެ ނާގާބިލްކަމުން: ޝިޔާމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިމިވަނީ މި ސަރުކާރުގެ ނާގާބިލް ކަމުން ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގެ ދަރަނީގެ އެންމެ ފަހުގެ މައުލޫމާތު ފިނޭންސް އިން ވަނީ ހާމަކޮށްފައިވާއިރު ޖުމްލަ ދަރަނި މިހާރު ވަނީ 73.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދަރަނީގެ އަދަދުތައް ހިއްސާކޮށް ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދަރަނީގެ އަދަދުތަކުން ދައްކުވައިދެނީ ގައުމުގެ ނިކަމެތި ހާލަތު ކަމަށެވެ. އަދި ފޮރިން އިންވެސްޓަރުންނަށާއި ފަންޑިން އޭޖެންސީތަކަށް މިއީ ބިރުވެރި އަދަދުތަކެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަކުރައްވާފައެވެ.

އަދި މި އަދަދުތައް ބުނެދެނީ ސަރުކާރުގެ ނާގާބިލް ކަމާއި މި ގައުމު އަޅުވެތިކަމަށް ހުށަހެޅިފައިވާ މިންވަރު ކަމުގައި ޝިޔާމް ފާހަގަކުރެއްވިއެވެ.

 

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ.

ޖީޑީޕީގެ ނިސްބަތުން ބަލާއިރު ބޭރުގެ ދަރަނި ހުރީ 55 ޕަސެންޓުގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 68 ބިލިއަން ރުފިޔާގަ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ ދަރަނި ވަނީ 69 ބިލިއަނަށް އިތުރުވެފަ އެވެ.

2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާ ގައެވެ.
ރާއްޖޭގެ ދަރަނި މިއަހަރުގެ ދެވަނަ ކުއާޓަރުގައި 74 ބިލިއަނެއްހާ ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރުން ވަނީ ކޮވިޑް-19 މިހާލަތާއި ގުޅިގެން ބޭރުން ލޯނު ވެސް ނަގާފައެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ ފަތުރުވެރިކަމުގެ ސިނާއަތް ކޮވިޑްގެ ޙާލަތާއި ގުޅިގެން ހުއްޓުމުން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ބޭރުން ގިނަ އަދަދެއްގެ ލޯނު ނަގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!