ޚަބަރު ރައްޔިތުންގެ މަޖިލިސް

އެއް އަހަރުތެރޭ ރައީސް ނަޝީދުގެ މުސާރައާއި އިނާޔަތްތަކަށް 3 މިލިއަން ރުފިޔާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް، އެއް އަހަރު  ތެރޭގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ތިން މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ދައްކައިފިއެވެ.

Ads by MWSC

މަޖިލިސް މެންބަރުންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓަށް މިއަދު ލާފައިވާއިރު މިދިޔަ އަހަރުގެ މެއި މަހު 27 އިން ފެށިގެން މިއަހަރުގެ މެއި މަހު 28 އަށް ރައީސް ނަޝީދަށް މުސާރައާއި އިނާޔަތުގައި ގޮތުގައި  3.18 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރައީސް ނަޝީދުގެ ބަޔާނުން ދައްކައެވެ. އަދި ބޭންްކު އިންޓަރެސްޓްގެ ގޮތުގައި 36،029 ރުފިޔާ ވެސް އެމަނިކުފާނަށް ލިބިފައިވެއެވެ.

ރައީސް ނަޝީދުގެ އެކައުންޓެއް ތިންް ބޭންކެއްގައި ވެއެވެ. އޭގެ ތެރޭގައި އެންމެ ގިނަ ރުފިޔާ ހުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައެވެ.

އެސްބީއައި ގައި 1.59 މިލިއަން ރުފިޔާ ހުރި އިރު، ބީއެމްއެލް އެކައުންޓުގައި ހުރީ 41،471.71 ރުފިޔާ އެވެ. އަދި އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރީ 76،979.62 ރުފިޔާ އެވެ.

މީގެއިތުރުން ލ. ގަމުގައި ރައީސް ނަޝީދުގެ ނަމުގައި ގޯއްޗެއް އެބައޮތެވެ. ނަމަވެސް އެމަނިކުފާނުގެ ނަމުގައި ލޯނެއް އަދި އެހެން ކުންފުންޏެއްގެ ހިއްސާއެއް އޮތް ކަމަކަށް މާލީ ބަޔާނަކު ނެތެވެ.

މީގެކުރިން މަޖިލީހުގެ މާލީ ބަޔާން އާންމު ނުކުރި ނަމަވެސް، އެމަޖިލިހުގެ ޤަވާއިދަށް ގެނައި ބަދަލާއެކު މެމްބަރުންގެ މާލީ ބަޔާން އާންމު ކުރުން ލާޒިމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!