މުނިފޫހިފިލުވުން

ނާކޮޓިކްސް ބިއުރޯއިން ރިއާ ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ހާދިސާގެ ތަހުޤީޤުތަކަށް އަނެއްކާ ވެސް މިވަނީ ބަދަލެއް އައިސްފައެވެ.

Ads by MWSC

ސްޝާންތުގެ މަރުގެ މައްސަލައާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި ކަންތައްތަކެއް ގުޅިފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިއަދު ވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަޓީ ހައްޔަރު ކޮށްފައެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، ރިއާ ހައްޔަރު ކޮށްފައި މިވަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތުގައާއި، ސުޝާންތު އަށް ވެސް އެތަކެތި ދިން ކަމުގެ ތުހުމަތުގައެވެ. މިމައްސަލަ ތަހުގީގު ކުރަން އެންސީބީ އަށް ރިއާ ތިންް ފަހަރު ގެންދިޔަ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ރިއާ ގެ އިތުރުން އޭނާގެ ކޮއްކޮ ޝޯވިކް ޗަކްރަބަޓީ އާއި ބައްޕަ އިންދަރްޖީތު ޗަކްރަބަޓީ ގެ އިތުރުން އޭނާގެ މަންމަ ސަންދްޔާ ގެ މައްޗަށް ވެސް ވަނީ މަސްތުވާ ތަކެތި ބޭނުންކުރިކަމުގެ ތުހުމަތުތައް އުފުލިފައެވެ. ނަމަވެސް އެމީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކޮށްފައިވާކަމުގެ ކުށުގައި ހައްޔަރު ކުރީ ޝޯވިކް އެކަންޏެވެ. އޭނާ އާއެކު އެމީހުންގެ ދެ އެކުވެރިން ކަމަށްވާ ދިޕޭޝް ސާވަންތު އާއި ސޭމުއެލް މިރަންޑާ ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ސުޝާންތަށް އިންސާފު ހޯދައި ދިނުމަށް އޭނާގެ އާއިލާއާއި ގާތް ރަހުމަތްތެރިން މީސްމީޑިއާގައި ގޮވާލަމުން ދާއިރު، ބޮލީވުޑްގެ ގިނަ ތަރިން ވަނީ ރިއާ އާއި އެއްކޮޅަށް ވާހަކަ ދައްކާ، އޭނާ މިމައްސަލަތަކުން ދުރުގައި ބެހެއްޓުމަށް ގޮވާލާފައެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އެންސީބީން މިހާރު ހައްޔަރު ކޮށްފައިވާާ ރިއާ ޗަކްރަބަޓީގެ މަސްތުވާތަކެތީގެ ޓެސްޓެއް ވެސް މިއަދު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ރިއާ މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ތުހުމަތުތަކެއް އެންސީބީން ކޮށްފައިވަނީ އޭނާގެ ވަޓްސްއެޕް ޗެޓުތަކެއް ފެންމަތިވުމަށް ފަހުގައެވެ. އެޗެޓްތަކުން ހާމަވާ ގޮތުގައި ރިއާ އުޅުނީ އެތަކެތި ސުޝާންތަށް ވެސް ދޭށެވެ.

ސުޝާންތު މަރުވެފައިވަނީ މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު، ބާންޑްރާ ގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި، އަމިއްލައަށް ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!