ކުރަފި ދެކެ ބިރުގަންނަނީ ކޮންބައެއް؟
އަހަރެން އޮތީ ނިދާފައެވެ. ހޭލުވުނީ ގައިމަތީ އެއްޗެއް ދުވާހެން ހީވުމުންނެވެ. ސިއްސައިގެން ގޮސް ހޭލާ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ގައިމަތީ މި އޮތީ ބޮޑު ކުރަތްޕެކެވެ. އަހަރެން ހުރީ ބިރުން ހިތް ހުއްޓޭ ވަރު ވެފައެވެ. ބިރުން ހަޅޭއްލަވަމުން ތެދުވެ އަހަރެން މުޅި ގައި ފޮޅަން ފެށީމެވެ. ކުރަފި ގައިން ވެއްޓުމުން ދުވަމުން ގޮސް، ކޮޓަރިން ނިކުމެއްޖައީމެވެ. އޭރުވެސް އަހަރެން ތުރުތުރު އަޅަނީއެވެ. މުޅި ރޭގެ ނިދި ހަލާކުވީއެވެ.
މިއީ ހަމަގައިމު ވެސް ހަމައެކަނި އަހަރެން ތަޖްރިބާ ކުރާނެ ބިރުވެރިކަމެއް ނޫނެވެ. ކުރަފި ދެކެ ބިރުގަންނަ ކޮންމެ މީހަކަށް ކުރިމަތިވާ ކަމެކެވެ. ކުރަފި ދެކެ ބިރު ނުގަންނަ މީހަކު ، ޚާއްސަކޮށް އަންހެނަކު ވަރަށް މަދު ވާނެއެވެ. ފަހަރުގައި ކުރަފި އިންނަ ގޮތުން ކަމަށް ވެސް ވެދާނެއެވެ. އުދުހޭ ކުރަތްޕެއް ފެނިއްޖެނަމަ އަދި އަމުދުން ނުރައްކާ ބޮޑެވެ. މީހާ ބިރުން ހަލާކު ވާނެއެވެ. ކުރަތްޕެއް ފެނިއްޖެނަމަ ދެން އަބަދުވެސް ހުންނާނީ މީހާ ބިރުން ސިހިސިހިއެވެ. ވައިރޯޅި އެއް ޖެހުނަސް ހީވަނީ ގަޔަށް ކުރަތްޕެއް އަރާހެންނެވެ.
އަހަރެން ބައެއް ފަހަރު ހިތަށްވެސް އަރައެވެ . ކުރަފި ދެކެ އެހާ ބިރު ގަންނަނީ ކީއްވެގެންބާއެވެ. އެންމެ ބޮޑެތި ކުރަފި ވެސް އަހަރެމެންގެ މުށުތެރެއަށް ލެވޭނެއެވެ. އެވަރު ކުޑަ ސޫތްޕެއް ދެކެ ބިޔަ ބޮޑެތި އިންސާނުން އެހާ ބިރު ގަންނަނީ ކީއްވެބާއެވެ. ހަމަގައިމު ވެސް އަހަރެން ވަރަށް ބިރުގަނެވެ. ތިޔަ ކިޔުންތެރިން ވެސް ބިރުގަންނާނެ ކަން ޔަގީނެވެ. ކުރަތްޕެއް ފެނިގެން މުޅި ރޭ ނިދި ގެއްލޭއިރު ބައެއް މީހުން މިކިޔަނީ ކުރަފި ކިރު ބޯ ވާހަކައެވެ. އަހަރެންނަށް އެކަން ކުރާކަށް ލާހިކު ކުޅަދާނައެެއް ނޫނެވެ.
ކުރަފި ދެކެ ބިރުން ދުވަން ހަދައިގެން މީހުންނަށް ބައެއް ފަހަރު ބޮޑެތި އަނިޔާތައް ވެސް ލިބެއެވެ. އަނެއްބައި ފަހަރު މީހުންގެ ތެރޭގައި ވަރަށް ބޮޑެތި ލަދާއި ވެސް ކުރިމަތި ލާން ޖެހެއެވެ. ފާހާނާގައި ފެންވަރަށް ހުއްޓާ ކުރަތްޕެއް ފެނިގެން ދުއްވައި ގަންނަން އުޅެނިކޮށް ފާހަނާ ތެރެއަށް ވެއްޓުނީ ކިތައް މީހުން ހެއްޔެވެ؟ ކުރަތްޕެއް ފެނިގެން ބައެއްގެ ތެރޭ ހުރެފައި އެތަނުން ދުވެ ފިލީ ކޮން ބައެއް ހެއްޔެވެ؟ ނުވަތަ ކުރަތްޕެއް ފެންނައިރަށް ރޯން ފަށަނީ ކޮންބައެއް ހެއްޔެވެ. ކުރަފި ދެކެ ބިރު ނުގަންނަނީ ހަގީގަތުގައި ވެސް ވަރަށް ހިތްވަރުގަދަ މީހުންނެވެ.