ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ ދިނުން މެދުކަނޑާލައިފި
ބޭސްފަރުވާ އަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ އިންޑިއާގެ ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ ދިނުން މެދުކަނޑާލައިފި އެވެ.
އާސަންދަ ދިނުން މެދުކަނޑާލި ދެ ހޮސްޕިޓަލަކީ އަސްޓަ ސީއެމްއައި ހޮސްޕިޓަލާއި ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ އެ ދެ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލީ ފައިސާ ފަހުން ދޭ ގޮތަށް، ކްރެޑިޓަށް ހިދުމަތް ނުދޭތީވެ ކަމަށެވެ.
"އެތަންތަނަކަށް ނުފޮނުވަން އާ ކޭސަސްއެއް. އެ މީހުން ކްރެޑިޓަށް ދޫކުރަން ބޭނުން ނުވާތީ އެކޮޅުން ހުއްޓާލީ"
ޒީނިޔާ ވިދާޅުވި ގޮތުގައި އަސްޓަ ސީއެމްއައިއަ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތައް ބޮޑެވެ. ސައިޓް ކެއާ ހޮސްޕިޓަލަކީ ވަރަށް ފަހުން އާސަންދަ ދޫކުރަން ފެށި ހޮސްޕިޓަލެއް ކަމަށް ޒީނިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ ހޮސްޕިޓަލުންވެސް އާސަންދައިގެ އަގުތަކަށް ބަލާ ރަނގަޅު އަގުތަކެއް ހަމަޖެހުމުން އަލުން އާސަންދަ ދޫކުރަން ފަށާނެ ކަމަށެވެ.
ޖެނުއަރީ 2022 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާސަންދައިން އެސްޓަ ސީއެމްއައި ހޮސްޕިޓަލަށް 7,780,674ރ ހަރަދުކޮށްފައިވެ އެވެ. އަދި އެ މުއްދަތުގައި ސައިޓް ކެއާ ހޮސްޕިޓަލަށް އާސަންދައިން ހަރަދުކޮށްފައިވަނީ 3,642,978ރ އެވެ.
އެ ދެ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލާފައިވާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދުމަށް ގޮސް އުޅޭ މަނިޕާލް ހޮސްޕިޓަލުން ވެސް އާސަންދަ ދިނުން ވަނީ މެދުކަނޑާލާފަ އެވެ.
އެކަމާ ގުޅިގެން އެންސްޕާއިން ބުނީ މަނިޕާލް ހޮސްޕިޓަލުން ހިދުމަތް ފޯރުކޮށްދޭ އަގުތައް ބޮޑުވުން ކަމަށާއި ހިދުމަތްތަކުގެ އަގު ހެޔޮކުރަން ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށެވެ.
މިހާރު އެޗް ސީ ޖީ ހޮސްޕިޓަލް އިން ވެސް ވަނީ އާސަންދަ ހިދުމަތް މެދުކަނޑާލާފަ.