އަންހެނުން އެކަންޏެއް ނޫން، ފުރަބަންދުގައި ދިވެހި ފިރިހެނުންވެސް ވަރަށް ފަލަވި
ކޮވިޑް-19ގެ ފުރަބަންދާއެކު ނުހަނު ގިނަ ކަންކަމެއް ވަނީ ބަދަލު ވެފައެވެ. އެގޮތުން ބަދަލު ވީ އެއްކަމަކީ އަޅުގަނޑުމެން ގެ ބަރުދަނެވެ.
ދިވެހި އަންހެނުން ފުރަބަންދުގެ ތެރޭގައި ފަލަވި ވާހަކަ މީގެ ކުރިން "ދެން" އިން ވާނީ ގެނެސްދީފައެެވެ. ދެންގެ ނޫސްވެރިން އެފަހަރު އަންހެނުންނަށް އަމާޒުކޮށްގެން ކުރި ދިރާސާގައި ވާނީ 100 ދިވެހި އަންހެނުންނާ ސުވާލުކޮށްފައެެވެ. އެ ދިރާސާގެ ނަތީޖާ ދެއްކި ގޮތުން 80 އިންސައްތަ އަންހެނުން ބުނެފައިވަނީ ފުރަބަންދުގެ ތެރޭގައި އެމީހުންގެ ބަރުދަން އިތުރުވެ ފަލަވެފައިވާ ކަމަށެވެ.
ދިވެހި ފިރިހެނުންވެސް ފުރަބަންދުގައި ފަލަވި!
"ދެން"ގެ ނޫސްވެރިން މިވަނީ ދިވެހި ފިރިހެނުންނަށް އަމާޒު ކޮށްގެންވެސް ކުޑަ ސާރވޭ އެއް ކޮށްފައެވެ. އެގޮތުން މި ސާރވޭ އަމާޒު ކުރެވުނީ ދިވެހި ފިރިހެނުންނަށެވެ. މި ސާރވޭގައި ޖުމުލަ 100 ދިވެހި ފިރިހެނުންނާ ވަނީ ސުވާލު ކުރެވިފައެވެ. އެގޮތުން އެކި އުމުރުފުރާތަކުގެ ފިރިހެނުންނާ ސުވާލު ކުރެވުނެވެ.
މި ދިރާސާގެ ނަތީޖާތައް ދެއްކި ގޮތުން ދިވެހި ފިރިހެނުންގެ ތެރެއިން 70 އިންސައްތަ މީހުން ކޮވިޑް-19ގެ ފުރަބަންދުގެ ތެރޭގައި ވަނީ ފަލަވެފައެވެ. އެމީހުންގެ ބަރުދަން ވަނީ އިންތިހާއަށް އިތުުރުވެފައިކަން މި ދިރާސާއިން އެނގިގެން ދިޔައެެވެ. މި ދިރާސާއިން ދައްކާގޮތުން ދިވެހި ފިރިހެނުންގެ ތެރެއިން އެންމެ ފަލަވީ އުމުރުން 30-45 އަހަރާއި ދެމެދުގެ މީހުންނެވެ. މި އުމުރުފުރާތަކުގެ މީހުންގެ ބަރުދަނުން އެވަރެޖްކޮށް 5-7 ކިލޯ ބަރުވެފައިވާކަމަށް މި ދިރާސާއިން ދައްކައެވެ.
ފުރަބަންދާއެކު ފަލަވީ ކީއްވެ؟
ފުރަބަންދާއެކު ދިވެހި ފިރިހެނުން ފަލަވި ސަބަބަށް ބަލާލާއިރު، އޮފީސްތައް ބަންދު ކުރުމުގެ ސަބަބުން ވަޒީފާއަށް ދާން ނުޖެހުން ހިމެނެއެވެ. އަދި ކަސްރަތުކޮށް ޖޮގިން އަށް ދުވަންދާ އެެތައް ބަޔަކަށް އެ ފުރުސަތު ގެއްލުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ފުރަބަންދުގެ ދުވަސްވަރު ދިމާވީ ނަސީބު ކަންދިމާކުރިގޮތުން ރޯދަމަހާއެވެ. ރޯދަ މަހަކީ ރާއްޖޭގެ ހުރިހާ ގެެއެއްގައިވެސް ގިނަ ކާއެއްޗެހި ތަކެއް ހަދާ މައްސަރެއްކަން ފާހަގަ ކުރެވެއެވެ. އަދި ގޭގައި ތިބެ އަނބިންގެ ލޯބި ލިބި ހިތްހަމަ ޖެހުމުން ލިބުމުން ވެސް ބަރުދަން އިތުރު ވާން ދިމާވި ސަބަބެއްކަން ފާހަގަ ކުރެވެއެވެ.
ބައެއް ޒުވާނުން ހިކުނު
މި ދިރާސާގައި ސުވާލު ކުރެވުނު އުމުރުން 18-30 އަހަރާއި ދެމެދުގެ ޒުވާނުންގެ ފަރާތުން ފާހަގަ ވެެގެން ދިޔައީ އެ ޒުވާނުންގެ ބަރުދަން މި ލޮކްޑައުންނާއެކު ލުއިވި ކަމެވެ. އެގޮތުން މި ސާރވޭގެ 30 އިންސައްތަ އަކީ ބަރުދަން ލުއިވި މީހުންނަށް ވާއިރު އެ 30 އިންސައްތަ މީހުންގެ ތެރޭގައި ގިނައިީ ޒުވާނުންކަން ފާހަގަ ކުރެވެއެވެ.
އެގޮތުން މި ޒުވާނުން ހިކުނު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލި އަދި ދިރިއުޅުމުގައި އެތައް ކަމަކާ ކުރިމަތިވުމުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވުމެވެ. އެގޮތަށް ދިރިއުޅުމުގައި ކަންތައްތައް ދިމާވުމުން ކާހިތް ނުވީ ކަމުގައި އެ ޒުވާނުން ފާހަގަ ކުރެއެވެ.