ދީން

އިސްލާމް ދީނުގައި އަންހެނުންނަށް ދުނިޔޭގައި އުޅުމުގެ ހައްގު ދެއްވީ ފިރިހެނުންނާ ތަފާތު ކުރުމެއް ނެތި: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމް ދީނުގައި އަންހެން ކުދިންނަށް ދުނިޔޭގައި އުޅުމުގެ ހައްގު ދެއްވީ ފިރިހެން ކުދިންނާ ތަފާތު ކުރުމެއް ނެތި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by STELCO

އަންހެނުންގެ ހައްގުތަކުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ ޖާހިލިއްޔަ ޒަމާނުގައި އަންހެން ކުއްޖަކު ލިބިއްޖެ ނަމަ ހިތާމަ އާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހުނީ ކަމަށް ގަބޫލުކޮށް، އެ މައުސޫމު ކުދިން ދިރިތިއްބާ ވަޅުލަމުން ގެންދިޔަ ކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ އިސްލާމް ދީނުގައި ތައުލީމާއި ތަރުބިއްޔަރު ދިނުމާއި އޯގާތެރިވުމުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނުކުރާ ކަމަށެވެ. އަދި ފިރިހެން ދަރިންނަށް އޯގާތެރިވާ ފަދައިން އަންހެން ދަރިންނަށް ވެސް އޯގާތެރިވެ، ތައުލީމާ ތަރުބިއްޔަތު ދީ އަޅައިލަން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ކައިވެންޏަކީ އަންހެން ކުއްޖާގެ ހަޔާތުގައި އެންމެ މުހިންމު އެއް ނިންމުން ކަމަށާއި އެ ކަމުގައި އިސްލާމް ދީނުގައި އަންހެން ކުއްޖާއަށް ވަރަށް ބޮޑަށް އިހްތިޔާރު ދެއްވާފައިވާ ކަމަށެވެ. އެ ކުދިން ރުހޭ މީހަކާ ކައިވެނި ކުރުމުގެ ހައްގު ދީ ހަމައެކަނި އެ ކުއްޖާގެ މައިންބަފައިން ރުހޭ މީހަކާ މަޖުބޫރުން ކައިވެނި ކުރުވުން އިސްލާމް ދީނުގައި ހުއްދަ ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ފިރިހެނުން ފަދައިން އަންހެނުންގެ ހައްގުތަކުގެ ތެރެއިން މުދާ މިލްކު ކުރުން ވީ ނަމަވެސް ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުލިބޭ ކަމަށް. ނަމަވެސް އިސްލާމް ދީން އައުމަސް ފަހު މި ހައްގު ރައްކާތެރިކުރެއްވި ކަމަށް ހުތުބާގައި ވެއެވެ.

"އަންބިމީހާ އަށް ލިބޭ މުދާ އާއިލާ އާއި ދަރިންގެ މައްޗަށް ހަރަދުކުރުން އޭނާގެ މައްޗަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް ފިރިމީހާ އޭނާގެ މުދަލުން އޭނާގެ އަނބިދަރިންގެ މައްޗަށް ހަރަދު ކުރުމަކީ ވާޖިބު ކުރައްވާފައިވާ ކަމެކެވެ. ކިތަންމެ ގިނަ ފައިސާއެއް އަނބިމީހާ އަށް ލިބުނު ކަމުގައި ވިޔަސް ތިމާގެ އާއިލާ އަށް ހަރަދު ކުރުމާއި ނުކުރުމުގެ އިހްތިޔާރު އޭނާ އަށް ލިބިގެން ވެއެވެ. އަދި އޭނާގެ ހުއްދައާ ނުލައި އެ ފައިސާ ބޭނުން ކުރުން ފިރިމީހާ އަށް ވެސް ހުއްދަ ވެގެން ނުވެއެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި ފިރިމީހާ އާއި އާއިލާގެ މައްޗަށް ހަރަދު ކުރުމަކީ އަނބިމީހާނ އަށް ގިނަގުނަ ދަރުމަޔާ ތަވާބު ލިބޭނެ ކަމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ވާ ގޮތަސް އަމަލުތައް ބަހައްޓައިފި ނަމަ އަންހެނުންގެ ހައްގުތައް ގެއްލިގެނެއް ނުދާނެ ކަމަށެވެ. އަދި މުޖްތަމައުގެ ދުޅަހެޔޮކަމާއި އަމާންކަން ދެމެހެއްޓުމަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ މިންތަކާއި އިންތަކުގައި ހިފަހައްޓަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!