ޚަބަރު ސަރުކާރު

އެކްސިޑެންޓުތައް އިތުރުވަނީ އަމިއްލަ ރައްކާތެރިކަމަށް އެއްވެސް ވަރަކަށް ނުވިސްނާތީ: ޕޮލިސް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ފުލުސް އޮފިސަރަކު މަގުމަތީގައި ހަރަކާތްތެރިވަނީ/ ފޮޓޯ: ޕޮލިސް

ފާއިތުވި ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެފައިވާއިރު އެކްސިޑެންޓުތައް އިތުރުވަނީ ދުއްވާ މީހުން އަމިއްލަ ސަލާމަތާ ރައްކާތެރި ކަމަށް އެއްވެސް ވަރަކަށް ނުވިސްނާތީވެ ކަމަށް ބުނެ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by MWSC

ދައުލަތުގެ މީޑިއާ ''ޕީއެސްއެމް''އަށް ދެއްވި އިންޓަވިއުގައި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ހެޑް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ އެކްސިޑެންޓުތައް ހިނގަން މެދުވެރިވަނީ ފުލުހުންނަށް މަގުމަތީގެ ރައްކާތެރިކަން ނުބެލެހެއްޓިގެން ނޫން ކަމަށެވެ.

ދާއޫދު ވިދާޅުވި ގޮތުގައި އެކްސިޑެންޓުތައް ހިނގަނީ ދުއްވާ މީހުން މަގުމަތީގެ ގާނޫނާ ގަވާއިދަށް ބޯނުލެނބުމުގެ އިތުރުން ފަރުވާކުޑަވެގެން ކަމަށެވެ.

"ގަވައިދާ ގާނޫނުތަކަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމާ، އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަން ޖެހޭ ވިސްނުންވެސް ބައެއް ފަރާތްތަކުގެ، ހިތާމަ އާއެކު މި ދަންނަވަނީ ބައެއް ފަރާތްތަކުގެ ވިސްނުމުގައި މިކަން ނެތީމަ ހިންގާ އެކްސިޑެންޓް ތަކެއް އިތުރުވެގެން މިއުޅެނީ" ދާއޫދު ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓު މިނިސްޓަރާ ގުޅިގެން ހުޅުމާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ދާއޫދު ވިދާޅުވި އެ ބަދަލުތައް ގެނައުމުގެ މައިގަނޑު މަގްސަދަކީ މަގުތަކަކީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

މިދިޔަ ހަފްތާގައި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައި ވާއިރު، ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 21 އަހަރުގެ މުހައްމަދު ލީވާނަށް ފަރުވާދެނިކޮށް އާދިއްތަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ދަންވަރު ސްޕޯޓްސް ކާރަކުން ޖެހި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ހަސަން ސަމާހު ނަމަކަށް ކިޔާ ޒުވާނަކު ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުމާލޭގައި ކާރަކާއި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 20 އަހަރުގެ ފިރިހެން މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

އެރޭ އިތުރު އެކްސިޑެންޓެއް ހިނގާފައިވާއިރު، އެ އެކްސިޑެންޓުގައި އަނިޔާވި ފިރިހެނެކާއި އަންހެނެކަށް ވަނީ ފަރުވާދީފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ދެ ސައިކަލު ޖެހި ހިންގި އެކްސިޑެންޓުގައި، އަނިޔާވެގެން ބިދޭސީ ދެ ފިރިހެނުންނާއި ދިވެހި ފިރިހެނަކަށް ފަރުވާ ދީފައިވާއިރު، އެތަނުން 31 އަހަރުގެ ބިދޭސީ މީހާއަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ސަމާހު މަރުވި މައްސަލާއާ ގުޅިގެން ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒު ކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހުގައި އަންގާފަ އެވެ.

Ads by Allied Insurance
  1. ރޭސް ސަރުކާރު

    “ރޭސްކާރު” ފެނިގެންތަ ފަރުވާކުޑަވަނީ؟