ހުޅުމާލޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

މި ފަހަކަށް އައިސް އެކްސިޑެންޓުތަކުގެ އަދަދު އިތުރުވެފައިވާއިރު މިއަދުވެސް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ
މީޑިއާ ގުރޫޕަށް މިއަދު ފޮނުވި މެސެޖުގައި ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް ގުޅޭ ބްރިޖް ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ގައިގެ ބައެއް ތަންތަން މަށައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ. އެކަމަކު ސީރިޔަސް އަނިޔާތަކެއް ލިބިފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ފާއިތުވި ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވެފައިވާއިރު އެކްސިޑެންޓުތައް އިތުރުވަނީ ދުއްވާ މީހުން އަމިއްލަ ސަލާމަތާ ރައްކާތެރި ކަމަށް އެއްވެސް ވަރަކަށް ނުވިސްނާތީވެ ކަމަށް އިއްޔެގައި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ހެޑް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވެފައި ވެއެވެ.
އެ ހަފްތާގައި ހިނގި އެކްސިޑެންޓު ތަކުގެ ތެރެއިން ހުޅުމާލެ ސެންޓަރަލް ޕާކް ކައިރި ހިނގި އެކްސިޑެންޓުގައި، ސަމާހު މަރުވި މައްސަލާއާ ގުޅިގެން ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒު ކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހުގައި އަންގާފަ އެވެ.