ހަރަދުކުޑަކުރަން ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގަމުންއައި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އިއްޔެ އުވާލައިފި އެވެ.
ރައީސް އެ އޮތީރިޓީ އުވާލެއްވި ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމަވާފައިވަނީ އެ އޮތޯރިޓީއިން ކުރަމުންދިޔަ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި މިހާރަށްވުރެ ހަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކަ އެވެ.
ލޭންޑް އެންޑް ސާވޭ އޮތޯރިޓީއިން ކުރަމުންއައި މަސައްކަތްތައް ހައުސިން މިނިސްޓރީއިން ކުރަމުންދާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އެ އޮތޯރިޓީ އުވާލާފައިވަނީ ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.