ޚަބަރު

މާލޭގެ ފަސް ގެއެއް ބެލުމަށް ފަހު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރެޝަނުން ހިންގަމުންދާ އޮޕަރޭޝަންގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭން ގަވާއިދާ ހިލާފަށް އުޅޭ ފަސް ބިދޭސީއަކު އަތުލައިގެންފި އެވެ.

Ads by Hajj Corporation

އިމިގްރޭޝަނުން ބުނި ގޮތގައި އެއީ މާލޭގެ ފަސް ގެއެއް ބަލައި ފާސްކުރުމަށް ފަހު އެ ތަންތަނުން ހޯދި ފަސް ބިދޭސީއެކެވެ. އަދި އެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިމިގްރޭޝަނުން މި ފަހުން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރައްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އަތޮޅުތަކުގައި ވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށެވެ. އޭރުން އަތޮޅުތެރޭގެ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ތިން އަހަރެއްހާ ތެރޭގައި އެއްކޮށް ހައްލު ކުރުމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނަގައި، ޑޭޓާ ބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ވަނީ ފަށާފަ އެވެ. އަދި ކޮންމެ ދުވަހަކު މާލެ ސަރަހައްދުގެ ތަންތަން ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ދަނީ ޑިޕޯޓްކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!