ޚަބަރު

މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމެއް، ގަތުމަށް ނަން ނޯޓުކުރަން ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފާނަ އާލާކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: މެރިން ރިސާރޗް ސެންޓަރ

މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

Ads by Hajj Corporation

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކޮށް ތަރައްގީ ކުރުމަށްޓަކައި ، މެރިކަލްޗަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމެއް ހިންގުމަށް ގަސްދުކުރާ ކަމަށެވެ.

އެހެންވެ އެ ތަކެތި ގަތުމަށް އެދި ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މޫދު ކޮށްޓާއި ކުދި ފާނަ ގަންނަން އެދޭ ފަރާތްތަކުން [email protected] އީމެއިލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

"އަދި، މޫދު ކޮށި ނުވަތަ ކުދި ފާނަ ގަތުމުގެ ކުރިން، އެތަކެތި ބައްލަވައި ލެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު  3028730 ފޯނަށް ގުޅައިގެން ތާރީހާއި ވަގުތު ހަމަޖައްސެވުމަށްފަހު ކ. މަނިޔަފުށްޓަށް ޒިޔާރަތް ކުރުމުން ކޮށިތަކާއި ފާނަ ބައްލަވައި ލެއްވުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެ  ވާހަކަވެސް ދަންނަވަމެވެ" މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ވިއްކަން ނިންމާފައި ވަނީ 3 މީޓަރ × 3 މީޓަރުގެ 8 ގޮޅި ހިމެނޭ (ޖުމްލަ 72 އަކަ މީޓަރު) ގެ ޖުމްލަ 57 މޫދުކޮށި ކަމަށެވެ. އެއީ އެއް ލައްކަ ރުފިޔާ އަށް ކަމަށެވެ.

އަދި ކުދި ފާނަ ވިއްކާނީ ކ. މަނިޔަފުށީގައި ހިންގާ ރިސާރޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާރޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން ބޮޑު މިނުގައި 10 ސެންޓިމީޓަރާއި 14 ސެންޓިމީޓަރާ ދެމެދުގެ ފާނައެއް 15ރ. (ފަނަރަ) ރުފިޔާ އަށް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!