ބަރުދަން ލުއިކުރަން ބޭނުންނަމަ އެކަމަށް މަސައްކަތް ކުރަންވީ ބައިވެރިޔާއާއެކު
ބަރުދަން ލުއި ކުރުމަކީ ވަރަށް ގިނަ މީހުން ބޭނުންވާ ކަމެކެވެ. އަދި އޭގެ ތެރެއިން ވެސް ގިނަ މީހުންނަކީ އެތައް ބާވަތެއްގެ ޑައިޓެއް ނަގާ ، ނަމަވެސް ނަތީޖާ ނުފެނުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި މާޔޫސްވެ އެކަމާއި ދުރަށްދާ މީހުންނެވެ.
އަދި އެއްފަހަރު ހިތްވަރު ކޮށްލާށެވެ. އެކަމަކު މިފަހަރު ބައިވެރިޔާއާ އެކުގައެވެ.
ނެދަލޭންޑުގެ އެމްސްޓެޑަމް ޔުނިވަރސިޓީ އޮފް އެޕްލައިޑް ސައިންސުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ވަނީ މިކަމަށް ވަރަށް ބޮޑު ބާރެއް ލިބިފައެވެ. ހާޓް އެޓޭކް ޖެހި ، އެކަމުން ޝިފާ ލިބިފައިވާ 800 މީހުން ބޭނުން ކޮށްގެން ހެދި މި ދިރާސާގެ ނަތީޖާއަކީ ބަރުދަން ލުއިކުރަން ބޭނުންވާނަމަ ފިރިމީހާ ނުވަތަ އަނބިމީހާ ވެސް އެކަމުގައި ބައިވެރިކުރާށެވެ.
މި ދިރާސާގައި ބައިވެރިކުރި 800 މީހުން ދެ ގްރޫޕަށް ބެހުމަށްފަހު އެއް ގުރޫޕުން ބަރުދަން ލުއި ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެކަންޏެވެ. އަދި އަނެއް ގުރޫޕުން އެމީހުންގެ ހަޔާތުގެ ބައިވެރިން ވެސް އެމީހުންނާއެކު ބަރުދަން ލުއި ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. ދިރާސާގެ ނަތީޖާ ދެއްކީ ޙަޔާތުގެ ބައިވެރިންނާއެކު މަސައްކަތް ކުރި މީހުންގެ ބަރުދަން ، އަނެއް ގުރޫޕް މީހުންނަށް ވުރެ ތިން ގުނަ ލުއި ވީ ކަމަށެވެ.
މި ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި އޮފިޝަލް ، ދިރާސާއި ގުޅޭ ގޮތުން ބުނެފައިވަނީ ދެމަފިރިން އެކީގައި އުޅޭއިރު ދެމީހުންގެ ލައިފް ސްޓައިލް ތަފާތުވުމަކީ ބަރުދަން ލުއި ކުރުމުގައި ނަތީޖާ ނެރެން އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް އެކަކު އަނެކަކަށް ހިތްވަރުދީ އެއް ލައިފް ސްޓައިލްއަކަށް ބަދަލުވުމުން ބަރުދަން ލުއިވެގެންދާ ކަމަށެވެ.