ޚަބަރު

ސަމާލުވޭ! ކޮވިޑް ޖެހިފައި ތިބޭ މީހުންގެ ހާލު ކުއްލިއަކަށް ގޯސްވެދާނެ

  • ކޮވިޑް19 އަށް ފައްސިވާ މީހުންގެ ތެރެއިން ބައެއް މީހުން އެކި ސަބަބުތަކާ ހުރެ ގޭގައި ތިބޭ ބަލިމީހުންގެ ހާލު ކުއްލިއަކަށް ވެސް ގޯސްވެދާނެ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ލަސްނުކޮށް ރިޕޯޓު ކުރުމަށް ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފި އެވެ.
ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް19 އަށް ފައްސިވާ މީހުންގެ ތެރެއިން ބައެއް މީހުން އެކި ސަބަބުތަކާ ހުރެ ގޭގައި ތިބޭ ބަލިމީހުންގެ ހާލު ކުއްލިއަކަށް ވެސް ގޯސްވެދާނެ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ލަސްނުކޮށް ރިޕޯޓު ކުރުމަށް ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފި އެވެ.

Ads by Sosun Fihaara

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެސިލިޓީތަކަށް ނުގެންގޮސް ގޭގައި ތިބޭ މީހުންގެ ތެރޭގައި ރިސްކު ބޮޑު މީހުން ވެސް ތިބިކަން ފާހަގަ ކުރައްވައި ޑރ. މުރާދު ވިދާޅުވީ އެފަދަ ހާލަތުގައި ދިމާވާ ސިއްހީ މައްސަލަތަކަށް ސަމާލުވެގެން ތިބެން ޖެހޭ ކަމަށެވެ.

"ބައެއް ފަހަރަށް ތަންކޮޅެއް ރިސްކު ހައި ބޭފުޅުންވެސް އެބަ ތިއްބަވާ ގޭގައި. މާބަނޑު ބޭފުޅުން ވެސް އެބަ ތިއްބަވާ، ކުޑަކުދިންވެސް އެބަ ތިއްބަވާ ގޭގައި ޕޮޒިޓިވް ވެފައި ވެސް. އެގޮތަށް ތިއްބަވާއިރުގައި އަލުގަނޑުމެން ވަރަށް ބޮޑަށް އެދެން އެ ދިމާވާ ސިއްހީ މައްސަލަތަކަށް ސަމާލުވެލައްވައިގެން ތިބުން،" ޑރ. މުރާދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް19 އަކީ ރިސްކު ބޮޑު ބޭފުޅުންނަށް އަދި ހާޢްސަކޮށް އުމުރުން ދުވަސްވީ ބޭފުޅުންނަށް އޭގެ މައްސަލަތައް ހަމަ ކުއްލިއަކަށް ދިމާވާ ކަހަލަ ބައްޔެއް ކަން ޑރ. ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއާލާ މާ ބޮޑު އިޝާރާތެއް ނެތިވެސް ބައެއް ފަހަރަށް ނޭވާލާން އުނދަގޫ ވުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ.

އަދި އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ އުނދަގުލެއް ކުރިމަތިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ޑރ. މުރާދު ވަނީ އެދިލައްވާފައެވެ.

އިއްޔެ ވެސް ރާއްޖެއިން އިތުރު 93 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8834 އަށް އަރާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!