ޚަބަރު ވިޔަފާރި

މީރާގެ ސްޓެރެޓީޖިކް ޕްލޭން ތައްޔާރުކުރަން ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ހޯދައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މީރާއިން ބޭއްވި ސްޓޭކްހޯލްޑަ ކޮންސަލްޓޭޝަން އިވެންޓް: މިއީ މިގޮތަށް ބޭއްވި ފުރަތަމަ ފޯރަމް / ފޮޓޯ:މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބައެއް ސްޓޭކްހޯލްޑަރުންނާ އެކު "މީރާ ސްޓޭކްހޯލްޑަ ކޮންސަލްޓޭޝަން އިވެންޓް" ގެ ނަމުގައި ފޯރަމެއް ބާއްވައިފި އެވެ.

Ads by Sosun Fihaara

އެ ބައްދަލުވުން ބާއްވާފައި ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ މީރާގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރު ކުރުމުގައި "މަސްލަހަތުވެރިން" ގެ ހިޔާލާއި މަޝްވަރާ ހޯދައި، އެ އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުމަށެވެ.

ބައްދަލުވުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (އެމްއޭޓީއައި)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ)، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ފަދަ ޖަމިއްޔާތަކާއި ޓެކްސް ފާމްތަކާއި އޮޑިޓަރުން ވަނީ ބައިވެރިވެފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީރާގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން، ހަސަން ޒަރީރު ވަނީ ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެ ޓެކުހުގެ ނިޒާމް ހަރުދަނާ ކުރުމަށް ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި މީރާގެ އަމާޒަކީ "ފެސިލިޓޭޓިވް" މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކަމާ އެކު ޓެކުހުގެ އިލްތިޒާމް އަދާކުރެވޭ ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމުގައި ފާހަގަކުރެއްވި އެވެ.

މީރާއިން ބުނީ ބައްދަލުވުމުގައި މައިގަނޑު ތިން މައުލޫއަކަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ޓެކްސް ދައްކާ ފަރާތްތަކާ މީރާއިން މުއާމަލާތް ކުރުމަށާއި މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އޭގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުން ހޯދާ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޓެކްސް ދެއްކުމުގެ މަސައްކަތް އިތުރަށް ލުއިފަސޭހަ ކުރުމާ އަދި މީރާ އާއި ސްޓޭކްހޯލްޑަރުންގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ.

މަޝްވަރާގެ ބައިވެރިން ހިއްސާކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުގެ ތަޖުރިބާ އިތުރުކުރުމުގެ ދަށުން އެ އޮތޯރިޓީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އާ ބެހޭގޮތުން ހިޔާލުފާޅުކޮށް، ވެބްސައިޓަށް ގެނެވޭ ބަދަލުތަކާއި ޓެކްސް ދައްކާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުމުގައި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރި ކަމަށް މީރާއިން ބުނެ އެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރަނގަޅު ކުރެވޭނެ ގޮތްތަކާއި ޓެކްސް ދަރަނި ކުޑަކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅިގެން ބައިވެރިން ހިޔާލުފާޅުކޮށްފައިވާ ކަމަށެވެ.

"ގުޅިގެން މީރާ" އިނިޝިއޭޓިވްގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ އެކު މެދުނުކެނޑި މިފަދަ އިތުރު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މީރާއިން ވަނީ ރާވާފަ އެވެ.

Ads by Ooredoo