ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް 1 ގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާތަކެއް ވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު ކަމަށެވެ. 2 ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި، އެ ދެ ސައިކަލުގައި ތިބި 4 މީހުންނަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ.
މި 4 މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ފަހަކަށް އައިސް އެކްސިޑެންޓުތައް ގިނަވުމުގެ ސަބަބުން، ފުލުހުން މަގުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރުކޮށްފައި ވެއެވެ.