ފޮނަދޫ މަގު ހެދުން ފޭސް 2 ގައި ސޮއި ކޮށްފައި ނުވާތީ ދެ މިނިސްޓަރަކާ ސުވާލުކުރަނީ
"ލ.ފޮނަދޫ މަގު ހެދުން-ފޭސް 2" ބަޖެޓްގައި ހިމަނާފައި އޮވެ، އެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރާއި ސޮއިކޮށްފައި ނުވާތީ ދެ މިނިސްޓަރަކާއި ސުވާލު ކުރުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވައިފިއެވެ.
ސިރާޖު ސުވާލު ކުރެއްވުމަށް ހުށަހެޅުއްވި ދެ މިނިސްޓަރުންނަކީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މިނިސްޓަރު އަސްލަމްއާ ހަތަރު ސުވާލެއް ކުރެއްވުމަށް ސިރާޖު ހުށަހަޅުއްވާފައިރު، ފުރަތަމަ ސުވާލަކަށް ހިމަނާފައިވަނީ "ލ.ފޮނަދޫ މަގު ހެދުން-ފޭސް 2" ބަޖެޓްގައި ހިމަނާފައި އޮވެ، އޭގައި ސޮއި ނުކޮށް، ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގައި ސޮއިކުރި އުސޫލު އޮޅުން ފިލުވުމެވެ.
މީގެ އިތުރުން ފޮނަދޫ މަގު ހެދުން - ފޭސް 2" ޕްރޮޖެކްޓްގައި ސޮއި ނުކުރެވި އޮވެ، 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައި ނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގެ ޕްރޮޖެކްޓްގައި ސޮއިކުރަން ހުއްދަ ދެއްވި މައްސަލަ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ސުވާލު ކުރުމަށް ވެސް ސިރާޖު ވަނީ ހުށަހަޅާފައެވެ.