ބަލިމަޑުކަމާއި މުސީބާތުގެ ވަގުތުގައި އެކަކު އަނެކަކަށް އަޅާލާ ބަޔަކަށް ވާން ޖެހޭ: ހުތުބާ
މުސްލިމުންނަކީ ބަލިމަޑުކަމާއި މުސީބާތުގެ ވަގުތުގައި އެކަކު އަނެކަކަށް އަޅާލާ އެހީތެރިވާ ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މާތްﷲގެ ރަހުމަތްފުޅުން އުންމީދު ކަނޑާނުލުމަށް ގޮވާލާ މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ކުރިމަތިވެފައިވާ މުސީބާތުން ރައްކާތެރިކޮށް ދެއްވުމަށް އެދި ދުއާ ކުރުމާ އެކު ސަބަބުތަކުގައި ހިފައި، ކަމާ ބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރަން ޖެހޭ ކަމަށެވެ.
މި ދުނިޔޭގައި ﷲގެ ރަހުމަތްފުޅު ވަނީ އެންމެހައި އަޅުތަކުންގެ މައްޗަށް އާންމުވެ ޝާމިލްވެގެން ކަމަށާއި އެގޮތުން އުޑުތަކާއި ބިމުގައި ވާހާ ތަކެއްޗެއް ﷲ އުފައްދަވާފައި ވަނީ އިންސާނުންނަށްޓަކައި ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
"ﷲގެ ރަހުމަތްފުޅު އާންމުވެގެން ނުވާނަމަ، މި ދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެއެވެ. ބޯނޭ ފެންފޮދެއް ވެސް ނުލިބޭނެއެވެ. އަދު ﷲގެ ރަހުމަތްފުޅު ނުވާނަމަ އެއްވެސް މީހަކަށް ޝިފާއެއް ވެސް ނުލިބޭނެއެވެ. ނަމަވެސް އުހުރަވީ ހަޔާތުގައި ﷲގެ ރަހުމަތްފުޅު ހާއްސަކުރެވިގެންވަނީ މުއުމިނު އަޅުތަކުންނަށެވެ." ހުތުބާގައި ބުނެފައިވެއެވެ.
އަހަރެމެންނަށް ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުގެ ސަބަބުން ﷲގެ ރަހްމަތުން އުންމީދު ކަނޑާލައި މާޔޫސްވާކަން ނުޖެހޭނެ ކަމަށާއި ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީ ނަމަވެސް އިހްލާސްތެރިކަމާއެކު ތައުބާވެ، ހެޔޮ އަމަލު ކުރުމުން ﷲ އެކަލާނގެ އަޅުތަކުންގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވާނެކަން ވަނީ އަންގަވާފައި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"އަޅުތަކުންގެ މައްޗަށް ﷲގެ ރަހުމަތްފުޅު ތަނަވަސް ވެގެންވާ މިންވަރު ނިކަން ދެކިބަލާށެވެ. މީހަކު ނުބައި އަމަލެއް ކޮށްފިނަމަ އެމީހަކަށް ޖަޒާ ދެއްވާނީ އެމީހަކު އެ ކުރި އަމަލަކާ އެއްވަރަށެވެ. ނަމަވެސް ހެޔޮ އަމަލެއް ކޮށްފި ނަމަ އެ އަމަލެއްގެ ޖަޒާ ދިހަ ގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވައެވެ." ހުތުބާގައި ބުނެފައިވެއެވެ.