4,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 4،272 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި އެވެ.
"އޮޕަރޭޝަން ކުރަނގި" ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު 1 އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
މޭ މަހުގެ 2 ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 8 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު މިހާރު ނަގާފައިވާ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
އޮޕަރޭޝަން ކުރަނގި ހިނގި ރަށްތައް:
ހއ. ދިއްދޫން 390 ބިދޭސީން
ރ. އަލިފުށިން 178 ބިދޭސީން
ރ. ދުވާފަރުން 140 ބިދޭސީން
ކ. ގާފަރުން 105 ބިދޭސީން
ކ. ހިންމަފުށިން 701 ބިދޭސީން
ކ. މާފުށިން 1،076 ބިދޭސީން
ލ. ގަމުން 200 ބިދޭސީން
ސ. ހިތަދޫން 114 ބިދޭސީން
އިހުސާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު މީހުން ދިރިއުޅޭ 45 ރަށެއްގައި މި އޮޕަރޭޝަން ފަށާފައިވާކަންވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.
ެއެ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅުއަޅަން ވިސްނާފައި ނުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެކަން ވެސް ފާހަގަކުރެއްވި އެވެ.
ނަމަވެސް އެ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފަ އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓަރީ އާއި ފުލުހުންގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ފިލައިގެން އުޅޭ މައްސަލައަށް ފިޔަވަޅު އެޅުމާ ގުޅޭ އައު އުސޫލުތަކެއްވެސް އެކުލަވާލާފައިވެ އެވެ. އަދި ބިދޭސީންނާ މެދު އިހުމާލުވާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް އަންނަ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.