ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ސަމޯއާއަށް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފި އެވެ.
ނައިބު ރައީސްގެ އަރިއަހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން މުހިއްމު ބަޔާންތައް އިއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ބައްދަލުވުމަކީ ބައިނަލްއަގުވާމީ ފެންވަރެއްގައި އިގްތިސޯދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް ހޭލުންތެރިކަމާއި ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް މެންބަރު ގައުމަކަށް ލިބޭ މުހިންމު ޕްލެޓް ފޯމެކެވެ.
ރައީސް އޮފީހުން ބުނީ މި އަހަރުގެ ބައްދަލުވުން ވެގެންދާނީ އދގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29) ގެ ކުރިން ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ގައުމުތަކަށް ލިބޭ މުހިންމު ފުރުސަތަކަށް ކަމަށެވެ.
މި އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބާއްވަނީ މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.