މުނިފޫހިފިލުވުން

މަސްތުވާތަކެތި ބޭނުންކުރާ ބޮލީވުޑްގެ 15 މީހެއްގެ ނަން ރިއާ ހާމަކޮށްފި: ސާރާ ވެސް ހިމެނޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަރުވި ސުޝާންތު ސިންގް ރާޖްޕޫތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ، ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ ގިނަބައެއްގެ ނަން ހާމަ ކޮށްފިއެވެ.

Ads by Hajj Corporation

އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިހާރު ހައްޔަރު ކޮށްފައިވާ ރިއާ ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރީގައި އުޅޭ 15 މީހެއްގެ ނަން ހާމަ ކޮށްފައެވެ.

އެއެންމެންގެ ނަންތައް ރިޕޯޓުތަކުން ހާމަ ކޮށްފައި ނެތް ނަމަވެސް "ޑީއެންއޭ އިންޑިއާ" ގައި ބުނެފައިވަނީ އެމީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރ ސައިފް އަލީ ޚާންގެ ދަރި އެކްޓްރެސް ސާރާ އަލީ ޚާން ހިމެނޭ ކަމަށެވެ. ސާރާގެ އިތުރުން ރަކުލް ޕްރީތު ސިންގް ގެ ނަންވެސް ރިއާ ވަނީ ހާމަ ކޮށްފައެވެ.

ރިއާ ބުނެފައިވަނީ ޑިޒައިނަރ ސިމޯން ކާމްބަޓާ އާއި، ސުޝާންތުގެ ކުރީގެ މެނޭޖަރ ރޯހިނީ އަޔަރ ގެ އިތުރުން "ދިލް ބޭޗާރާ" ގެ ޑައިރެކްޓަރ މުކޭޝް ޗާބްރާ ވެސް މަސްތުވާތަކެތި ބޭނުން ކުރި ކަމަށެވެ.

ރިއާގެ މިބަޔާނާއި ގުޅިގެން މިއެންމެން ވެސް މިހާރު ތިބީ އެންސީބީ ގެ ރާޑަރަށް އަރާފައި ކަމުގައި ރިޕޯޓުތަކުން ބުނެއެވެ.

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން 80 އިންސައްތަ ތަރިންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަމަށް ރިއާގެ ފަރާތުން އެންސީބީ އަށް މައުލޫމާތު ދީފައިވެއެވެ. މިކަމާއި ގުޅިގެން މިމައްސަލަ ތަހުގީގު ކުރުމަށް މިހާރު ވެސް 25 އެކްޓަރެއް އެންސީބީ އަށް ސުވާލު ކުރަން ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ޚަބަރުތަކުން ބުނާ ގޮތުގައި ރިއާ ވަނީ ސުޝާންތަށް މަސްތުވާތަކެތި ދީފައެވެ. މިކަމަށް އޭނާ ވަނީ އެއްބަސް ވެސް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!