ދުނިޔެ

ކޮވިޑް19: ވަޅުލާފައިވާ މީހުންގެ ހަށިތައް "ކޮވިޑް ސަހަރާ" އިން ނަގައިގެން އެހެން ސަހަރާތަކަށް ބަދަލުކުރަނީ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިރާގު: ކޮވިޑް19ގައި މަރުވެގެން "ކޮވިޑް ސަހަރާ"ގައި ވަޅުލާފައި ތިބި މީހުންގެ ހަށިތައް ނަގައިގެން އެހެން ސަހަރާތަކަށް ބަދަލު ކުރަމުންދާ ކަމަށް މީޑިއާތައް ރިޕޯޓް ކޮށްފިއެވެ.

Ads by Sosun Fihaara

އިރާގުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލާފައިވަނީ ނަޖަފް ސިޓީގެ ސަހަރާއެއްގައެވެ. މި"ކޮވިޑް ސަހަރާ"ގައި މީހުން ވަޅުލާފައިވަނީ އެއް މައްޔިތާއާއި އަނެއް މައްޔިތާއާ ދެމެދު 5 މީޓަރު ދުރުމިނެއްގައެވެ. ވަކި ދީނެއްގެ ފަރަގެއް ނެތި ކޮވިޑް ޖެހިގެން މަރުވާ އެންމެން ވެސް ވަޅުލަމުން ދަނީ މި ސަހަރާގައެވެ.

އިރާގުގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ވެސް ، މަރުވާ އެއް އާއިލާއެއްގެ މެމްބަރުން އެއް ސަހަރާއެއްގައި ، ގާތްގާތުގައި ވަޅުލުމަކީ އޮންނަ އާދައެކެވެ. އިރާގުގެ ބައެއް ރައްޔިތުން މިގޮތަށް ކަންތައް ކުރަން ބޭނުންވި ނަމަވެސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް އާއިލާއާއި ހަވާލު ނުކުރާތީ މިދިޔަ ދުވަސްތަކުގައި އެކަން އޮތީ އެގޮތަށް ނުކުރެވިއެވެ. އަދި ވަޅުލާ މީހުންގެ ހަށިތައް ނަގައިގެން އެހެން ސަހަރާތަކަށް ގެންދަން ބޭނުންވި ކަމުގައި ވީނަމަވެސް ، މައްޔިތުންގެ ހަށިތަކުން ވެސް ކޮވިޑް ފެތުރިދާނެތީ އަލުން ކޮނެގެން ހަށިތައް ނެގުން އޮތީ އިރާގުގެ ސަރުކާރުން މަނާކޮށްފައެވެ.

ނަމަވެސް މިމަހުގެ 7 ވަނަ ދުވަހު މީހުން ވަޅުލުމުގެ ކަންތައްތަކުގައި ސަރުކާރުން ދިން ލުޔާއެކު އާންމުން ވަނީ ވަޅުލާފައިވާ މައްޔިތުންގެ ހަށިތައް ކޮނެގެން ނަގަން ފަށާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވެސް އުދައްޔާއި ފަކީރާ އަދި ސަންދޯއް ފަދަ ތަކެތި ހިފައިގެން އެތައް ސަތޭކަ ބަޔަކު "ކޮވިޑް ސަހަރާ" އަށް ދިޔަ ކަމަށް ބޭރުގެ މީޑިއާތައް ރިޕޯޓް ކޮށްފައިވެއެވެ.

"ކޮވިޑް ސަހަރާއަށް" ބައްޕަގެ ހަށިގަނޑު ނަގަން ދިޔަ ޙުސައިން ކިޔާ މީހަކު އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މަރުވެފައިވާ އާއިލާ މެމްބަރުން ވަޅުލާފައިވާ ސަހަރާގައި ބައްޕަ ވަޅުލައިދިނުމަށާއި އެމެމްބަރުންނާއި ދުރުގައި އޭނާ ނުބޭއްވުމަށް ބައްޕަ މަރުވުމުގެ ކުރިން ވެސް ޙުސައިން ގާތުގައި ބުނި ކަމަށެވެ. އަދި ބައްޕަގެ އެ ބަސް "ކޮވިޑް ސަހަރާގައި" ވަޅުލީންސުރެ ކަންފަތަށް އިވެމުންދާ ކަމަށް އޭނާ ބުންޏެވެ.

ހޫނު ވެލި ގަނޑު އަތުން ކޮނެގެން އޭނާގެ ބައްޕަ ނަގައިގެން ގޮސް އަލުން ވަޅުލި ބަހްދަލީ ކިޔާ މީހަކު ބުނެފައިވަނީ "އާއިލާ މީހުންގެ ގާތުގައި ބައްޕަ އަށް މިހާރު އޮވެވޭނެ" ކަމަށެވެ.

މެދުއިރުމަތީ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ވަބާ އެންމެ ބޮޑަށް ކުރި އެއް ގައުމު ކަމަށްވާ އިރާގުގައި މިހާތަނަށް 290،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 8 ހާހަށްވުރެ ގިނަ މީހުން ވަނީ އެ ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!