ޕްރިންސިޕަލުންގެ ވަޒީފާއާއި ގުޅޭ އުސޫލުގެ މައްސަލަ މަޖިލީހަށް ވައްދަނީ
ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލާއި ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ތައްޔާރުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެތައް ހާސް ކިޔަވާ ކުދިންނާ ގުޅުންހުރި މައްސަލައެއް ކަމަށާއި އެޑިއުކޭޝަން ސިސްޓަމް ބިނާކުރި ޕްރިންސިޕަލުން މާޔޫސް ވެފައިވާ ކަމަށެވެ. އަދި މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕްރިންސިޕަލުންގެ އުސޫލަށް ގެނައި މިއިސްލާޙުގެ މަޤްސަދަކީ ސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލްތަކަށް އެންމެ އެކަށީގެންވާ ޤާބިލު ޕްރިންސިޕަލުން އައްޔަންކުރުމެވެ.
އެގޮތުން މިއުސޫލުގެ ދަށުން ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި އެމަގާމުގައި ހުރެވޭނީ އެންމެ ގިނަވެގެން އަށް އަހަރުގެ މުއްދަތަކަށެވެ.
ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލުހޯދުމާއެކު، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަކީވެސް މިއުސޫލުގެ މަގުސަދެއް ކަމަށް ޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މި އުސޫލުގައި ބުނެފައިވެއެވެ.