މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި 1.89 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 13.2 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވާތީ ކަން މީރާއިން ފާހަގަކުރެ އެވެ.
ނޮވެންބަރު މަހުގެ އާމްދަނީގެ ތަފްސީލް:
- ޖީއެސްޓީ 57.9 އިންސައްތަ - 1.09 ބިލިއަން ރުފިޔާ
- ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ 9.1 އިންސައްތަ - 171.62 ބިލިއަން ރުފިޔާ
- އެއާޕޯޓު ޑިވެލޮޕްމެންޓް ފީ 4.9 އިންސައްތަ - 93.14 މިލިއަން ރުފިޔާ
- ޓެކްސް 4.9 އިންސައްތަ - 92.79 މިލިއަން ރުފިޔާ
- ޑިފާޗާ ޓެކްސް 4.9 އިންސައްތަ - 91.45 މިލިއަން ރުފިޔާ
- ގްރީން ޓެކްސް 4.5 އިންސައްތަ - 85.73 މިލިއަން ރުފިޔާ
މީރާއިން ބުނީ މިދިޔަ މަހުގެ ލިބުނު އާމްދަނީގެ ތެރޭގައި 88.17 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.
މިދިޔަ މަހު އެއާޕޯޓް ޓެކުހާއި ފީ އަދި ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން ފާހަގަކުރަމުން މީރާއިން ބުނީ އެއީ މިދިޔަ އަހަރު އޮކްޓޯބަރާ އަޅާބަލާއިރު މި އަހަރު އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.5 އިންސައްތަ އިތުރުވެފައިވާތީ ކަމަށެވެ.
މީރާއިން އިތުރަށް ބުނީ މި މަހުގެ ތެރޭގައި ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އެއް ފަހަރާ ބަލައިގަނެފައިވުމާ އެކު ޖުމްލަ އާމްދަނީ އަންދާޒާކުރި އާމްދަނީ އާ އަޅާބަލާއިރު ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށެވެ.