އެޗްއާރްސީއެމްގެ ކުރީގެ ނައިބު ރައީސާއި ހޯމްލޭންޑްގެ ކުރީގެ ޕީއެސް، އީސީއަށް އައްޔަންކުރަން ކޮމިޓީއަށް
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ކުރީގެ ނައިބު ރައީސް, މުހައްމަދު ޒާހިދާއި ހޯމްލޭންޑް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހު ރަޝީދު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެ ސިޓީފުޅު ރިޔާސަތުން މިއަދު އިއްވާފައިވެ އެވެ.
އެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތުގެ މަތިން އެ ދެ ބޭފުޅުންގެ ނަން ފާސްކޮށްދިނުމަށް އެދިވަޑައިގެންފައިވެ އެވެ. އަދި އެ ސިޓީފުޅާ އެކު އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ފޮނުއްވި ކަމަށް ފާހަގަކުރައްވާފައިވެ އެވެ.
އީސީއަށް ދެ މެންބަރުން އައްޔަންކުރަން ފޮނުވާފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަނުގެ މެންބަރު މުހައްމަދު އާސިފް ވަކިކުރުމާ ގުޅިގެންނެވެ.
ރައްޔިތުން މަޖިލީހުން އެ ދެ މެންބަރުން ވަކިކޮށްފައިވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހު އެވެ.
އެ ދިރާސާގެ ބައެއް ނުކުތާތައް:
- ގުޅުން އޮންނަ ވަކި ވިޔަފާރި ކުންފުންޏަކާ ގުޅިގެން އީސީއަށް ބޭނުންވާ ބައެއް ސާމާނު ހޯދުން.
- ސިޔާސީ ޕާޓީއެއް އުފައްދަން ސޮއިކުރި މެންބަރުންގެ ލިސްޓު އޭރުގެ ރައީސް އޮފީހުގެ އިސް ފަރާތަކަށް ފޮނުވާ އެ ޕާޓީ އުފައްދަން ހުރަސް އެޅުން.
- ވަކި ވިޔަފާރި ކުންފުންޏަކާ އެކު ސިއްރު މުއާމަލާތްތަކެއްކޮށް، އީސީގެ އައިޓީއަށް ބޭނުންވާ ސާމާނުތަކެއް ހޯދައި އެއިން ކޮންމެ މުއާމަލާތަކުން ބޮޑު އަދަދެއްގެ މަންފާއެއް އެ މެންބަރުން ނަގާފައިވުން.
- އީސީގެ ބައެއް މުވައްޒަފުންނާ ޒާތީ ގޮތެއް ބެހެއްޓުމާއި މުވައްޒަފުންގެ މަސައްކަތަށް ހުރަސް އަޅައި, ނަޝާތު ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ބިރު ދެއްކުން.
- އީސީގެ ޑާޓާ ބޭސް ނަގައިގެން ނަޝާތު އެޕްލިކޭޝަން ހަދައި ވިއްކާފައިވޭ. އަދި އެ އެޕްލިކޭޝަންތަކުގެ އެކްސެސް ސިޔާސީ ޕާޓީތަކަށް ދީފައިވުން.
- މިދިޔަ ރިޔާސީ އިންތިހާބު ވަކި ސިޔާސީ ޕާޓީއަކަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކުރުން.
- މީގެކުރިން ވެސް ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރީ ކުރުމުގައި މަކަރު ހަދައި, އޮޅުވާލުމުގެ އަމަލުތަކެއް މެންބަރުން ކޮށްފައިވުން.
އީސީގެ ރައީސް ފުއާދު ތައުފީގުގެ ދައުރުވެސް ހަމަވެފައިވަނިކޮށް، ނަޝާތާއި އާސިފް އީސީގެ މެންބަރުކަމުން ވަކިކުރުމާ އެކު އީސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ހަސަން ޒަކަރިއްޔާ އާއި ޑރ. މުހައްމަދު ޒާހިރެވެ.
ފުއާދުގެ ދައުރު ހަމަވެފައިވާއިރު، ހުސްވެފައިވާ އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ އަބްދުލް ހަސީބް އިސްމާއިލަށެވެ.