ޚަބަރު

މިހާރު ކުރަން ހުރި ކަންކަން މަދެއް ނޫން، ބޮޑުވަޒީރުކަން ބޭނުންނަމަ އެވާހަކަ ދަންނަވާނަން: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންނަމަ އެވާހަކަ ދަންނަވާނެ ކަމަށާއި މިހާރު ވެސް ކުރަން ހުރި ކަންކަން މަދެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ" ގެ މިއަދުގެ އަދަދުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބޮޑު ވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ދަންނަވާނެ ކަމަށާއި، މިހާރު ވެސް ކުރަން ހުރި ކަންކަން މަދެއް ނޫން ކަމަށެވެެ.

މީގެއިތުރުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ.

މިނިސްޓަރު ފައްޔާޒަށް ނުރުހުން ފާޅު ކުރުމާއިމެދު ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނަށް ވެސް ފަސޭހަ ކަމެއް ނޫން ކަމުގައެވެ.

"އަޅުގަނޑު ރައީސް ޞާލިޙުގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރަމެވެ. ރައީސް ޞާލިޙުގެ ސަރުކާރަަށް ކުޑަނަމަވެސް ހީނަރުކަމެއް އައުމަށް އަޅުގަނޑު ނޭދެމެވެ. ރައީސް ގެ ވަޒީރަކާއި ގުޅޭގޮތުން އަޅުގަނޑު ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ރައީސް އަށްވެސް އެކަން އެނގި ވަޑައިގަންނަވާނެއެވެ. ރައީސްގެ މިނިސްޓަރަކާއި ގުޅޭގޮތުން އަޅުގަނޑު ނުރުހުން ފާޅު ކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދަކާއެކުއެއް ނޫނެވެ. އަޅުގަނޑެއް ދެނަކު ރާއްޖޭގެ ވެރިކަމެއް ކުރުމަކަށް ނުއެދެމެވެ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!