ޚަބަރު

ޔައުގޫބަށް ފިޔަވަޅު އަޅާ، ނޫންނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: ޝިޔާމް

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލު މެމްބަރު ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރެއްވުމުން، އޭނާގެ މަޖިލީހުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ބެލުމަށާއި، ނޫންނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިހިނގާ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އައިސީއޭއެމް އަށް މެންބަރުން އައްޔަނު ކުރިއިރު މެންބަރު ޔައުގޫބު ވެސް ވަނީ އެކައުންސިލަށް އައްޔަނު ކޮށްފައެވެ. އެއާއެކު ޔައުގޫބުގެ މަޖިލިސް ގޮނޑިއާއިމެދު ސުވާލު އުފެދިފައިވަނިކޮށް، އޭނާ ވަނީ އެކައުންސިލުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

އިދިކޮޅުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވީ ޔައުގޫބް އައިސީއޭއެމްގެ ކައުންސިލު މެމްބަރު ކަމަށް އައްޔަންކުރީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށެވެ.

އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައްލަވަން ޖެހޭނެ ކަމަށާއި މަޖިލީހުން ފިޔަވަޅެއް ނާޅާނަމަ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަންތައްތައް ބައްލަވަން ޖެހޭނެ، މިކަމަށް ފިޔަވަޅު އަޅަން ޖެހޭނެ. ނޫންނަމަ މިކަމުގައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރައްޔިތުންގެ މަޖިލީހުން ވަޑައިނުގަތިއްޔާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޕާޓީން ސްޕްރީމް ކޯޓަށް މި މައްސަލަ ގެންދާނަން" ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!