ޚަބަރު

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ވީ ކަމަށް ނިންމައި، ދޫ ދެވޭނެ ހާލަތެއް އަދި ނެތް: އެޗްއީއޯސީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ވީ ކަމަށް ނިންމައި، އަޅާފައިވާ ފިޔަވަޅުތަކަށް ދޫ ދެވޭނެ ހާލަތެއް އަދި ނެތް ކަމުގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ އެޗްޕީއޭގެ އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާލޭ މަގުމަތިން ފެނިގެންދަނީ ކަންބޮޑުވާން ޖެހޭ ފަދަ މަންޒަރުތަކެއް ކަމަށާއި މި ހާލަތުގައި ކޮވިޑް ކޮންޓްރޯލް ވެއްޖެ ކަމަށް ނިންމައި ދޫ ދެވެން އަދި ނެތް ކަމަށެވެ.

މާލޭގެ މަގުތަކުގައި ގިނަ ބަޔަކު ޙަރަކާތްތެރިވާ މަންޒަރާއި ގުރޫޕު ހަދާފައި އުޅޭ މީހުން މަގުތަކުން ފެންނަ ކަން ފާހަގަ ކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ މިއީ ބަލިމަޑުކަމެއް ފެތުރެމުންދާއިރު ކަންބޮޑުވާން ޖެހޭ ފަދަ ކަންތައް ތަކެއް ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވެ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން މަޖުބޫރުވާ ހިސާބަށް ދިޔަ ނުދީ ހިފަހައްޓަން ހުރިހާ އެންމެން ވެސް މަސައްކަތް ކުރުމަށް އެދިފައެވެ.

އެގޮތުން ހުރިހާ ރައްޔިތުން ވެސް މި ބަލީގެ ނުރައްކާތެރިކަމާމެދު ވިސްނައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ޑރ.އަފްޒަލް އިލްތިމާސް ކުރެއްވިއެވެ.

މާލޭގެ ލޮކްޑައުން އަށް ލުއިތައް ދިނުމާއެކު، ކޮވިޑް އަށް ފައްސިވި މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް 65 ދިވެހިންނާއި 34 ބިދޭސީން ހިމެނޭހެން 99 މީހަކު ވަނީ ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!