"އެއް ދަންތޫރައިން ސަލާމަތްވުމަށް އަނެއް ދަންތޫރައިގެ މަޅިމައްޗަށް އެރުމަކީ މޮޔަ ކަމެއް"
އެއް ދަންތުރައަކުން ސަލާމަތްވުމަށް އަނެއް ދަންތުރައިގެ މަޅިމައްޗަށް އެރުމަކީ މޮޔަކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ކެމްޕެއިނާއި މެދު ދެކެނީ ކިހިނެއް ތޯ ސުވާލު ކުރެއްވުމުން މެންބަރު ޢަލީ ވިދާޅުވީ، ބައިނަލް އަގުވާމީ ދަންތުރަތަކުން ސަލާމަތްވެވެން އޮތީ އެންމެވެސް އިހުލާސްތެރިވެގެން ކަމަށެވެ.
އެގޮތުން ހިކުމަތު އަމަލު އިސްކޮށް ގައުމަށް ލިބޭ އާމްދަނީއަކާއި، ކުރާ ޚަރަދު ދިމާކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށާއި، ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ނޫނީ ސިޔާދަތީ މިނިވަންކަން މުސްތަގުބަލުގައި ހިފަހައްޓަން އުދަގޫވާނޭ ކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.
"އެއްދަންތޫރައިން ނެއްޓެން އަނެއް ދަންތޫރައިގެ މަޅިމައްޗަށް އެރުމަކީ މޮޔަ ކަމެއް. ހިކުމަތު އަމަލީ އިސްކޮށް، ގައުމަށް ލިބޭ އެއްޗަކާއި. ކުރާ ޚަރަދާ ދިމާކޮށް، ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ނޫނީ ސިޔާދަތީ މިނިވަންކަން މުސްތަޤުބަލުގައި ހިފަހައްޓަން އުނދަގޫވާނެ" މެންބަރު ޢަލީ ހުސައިން
ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ތިބުމަށް ސަރުކާރުން އެއްބަސްވެ އިންޑިއާ ސިފައިން ރާއްޖޭގައި ހަރާކާތްތެރި ވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ މީސް މީޑިއާގައި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އިދިކޮޅު ފަރާތްތަކުގެ އިތުރުން، ދީނީ ޢިލްމުވެރިންނާއި، އަދިވެސް އިތުރު ފަރާތްތައް ވެސް ދަނީ އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވަމުނެވެ.
އިންޑިއާއިން މަސައްކަތްކުރަނީ ރާއްޖެ އަޅުވެތިކުރަން ކަމަށާއި، އަދުގެ ސަރުކާރުން މަސައްކަތް ކުރަނީ، ރާއްޖެ އިންޑިއާއަށް ވިއްކާލުމަށް ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އިންޑިއާ އައުޓް ކެމްޕެއިނަކީ ސިޔާސީ ކަމެއްކަމަށް ބުނެ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި އިދިކޮޅުން ސިޔާސީ ފައިދާ ހޯދުމަށް މަސައްކަތް ކުރަނީ، އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ވާތީ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދަނީ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. އަދި ޗައިނާއަށް ފާޑު ވިދާޅުވެ، ޗައިނާއިން މަސައްކަތް ކުރަނީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސަންކަމަށް ވެސް ނަޝީދު ތުހުމަތުކުރައްވައެވެ.