ބޭކިންގް ސޯޑާ: ހައިރާން ކުރުވާ އެތައް ފައިދާތަކެއް
އަހަރެމެން އާންމު ދިރިއުޅުމުގައި ވެސް ބޭކިންގް ސޯޑާއަކީ ގިނަބަޔަކު ބޭނުން ކުރާ އެއްޗެކެވެ. ކެއްކުމުގައި ނޫނީ ކާއެއްޗެއް ތައްޔާރު ކުރުމުގައި ގިނަމީހުން ބޭކިން ސޮޑާ ބޭނުން ކުރިކަމުގައި ވީ ނަމަވެސް ބޭކިންގްސޯޑާ އަކީ އެކި ގޮތް ގޮތަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.
ފިހާރަތަކުން ނުވަތަ މާރުކޭޓުތަކުން ގަނެގެން ގެންނަ މޭވާ އަދި ތަރުކާރީ ފަދަ ބާވަތްތައް ދޮވެ ސާފު ކޮށްލުމަށް ބޭކިންގް ސޯޑާވަރެއް ނެތެވެ. ތެއްޔަކަށް ފެން އެޅުމަށްފަހު މާރުކޭޓުން ނުވަތަ ފިހާރައިން ގަނެގެން ގެނައިި މޭވާތައް ނުވަތަ ތަރުކާރީތައް އޭގެ ތެރެއަށް ލުމަށްފަހު މޭޒުމަތީ ސަމްސާގެ ދެ ސަމުސާ ބޭކިންގް ސޯޑާ އަޅާލާށެވެ. އެއަށް ފަހުމަޑުމަޑުން އެ ތެލީގައިވާ ފެނުން ރަނގަަޅަށް ތަރުކާރީ ނުވަތަ މޭވާތައް ދޮވެލާށެވެ. ފައިދާ ބޮޑު ވާނެއެވެ.
ފައިފުހި ނުވަތަ ބޮޑެތި ކާޕެޓުތައް ފަދަ އެއްޗެހި ސާފު ކުރަން އުނދަގޫ ހެއްޔެވެ؟ ހައްލަކީ ބޭކިންގް ސޯޑާއެވެ. ކާޕެޓު މައްޗަށް ބޭކިންގް ސޯޑާ ބުރުވާލުމަށް ފަހު ހޫނު ފެނުން އެ ކާޕެޓު އުނގުޅާލާށެވެ. އޭގައި ހަރުލާފައިވާ ހުރިހާ ޖަރާސީމެއް ވަގުތުން ފިލައިގެން ދާނެއެވެ. އަދި އޭގައި ލައް ޖެހިފައިވާނަމަ އެ ލައްގަނޑު ފިލައި ދިއުމަށް ވެސް ބޭކިންގް ސޯޑާވަރެއް ނެތްކަން ގައިމެވެ.
އަނގައިން ނުބައިވަސް ދުވާތީ ގިނަ ބަޔަކު އުޅެއެވެ. މިކަމަށް ވެސް ބޭކިންގް ސޯޑާ އެހީތެރިވެދެއެވެ. ތާފަނާ ފެންތަށްޓެއްގެ ތެރެއަށް ބައިސަމުސާ ބޭކިންގްސޯޑާ އެޅުމަށްފަހު ރަނގަޅަށް ގިރާލައިގެން އަނގަދޮވެލާށެވެ. އާދޭހެވެ. ދަތްއުނގުޅާ ބޭހަށް ވުރެން މާ ފަސޭހައިން އަނގައިން ވަސް ކަނޑައިދީ އަނގައިން ނުކުންނަ ވައި ތާޒާ ކޮށްދެއެވެ.
ބޭކިންގްސޯޑާ އަކީ އަންނައުނު ދޮވުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އޭގައި އެކުލެވޭ “އަލްކަލިން” ނަމަކަށް ކިޔާ މާއްދާގެ ސަބަބުން ދޮންނަށް އަޅާ އަންނައުނުތައް އުޖާލާވެ ކުރިއަށް ވުރެން އާ ވައްތަރު ޖަހައެވެ. ކޮންމެ ދުވަހަކުވެސް ދޮންނަ މެޝިނަށް އަޅާ އޯމޯގެ އިތުރުން ހެޔޮވަރުގެ ބޭކިންގްސޯޑާ ކޮޅެއް އަޅާލާށެވެ. އޭރުން އަންނައުނުތައް ދޮވެ ނިމުމުން ސާފުވެ އުޖާލާވެއެވެ.
ފާހާނާ ސާފު ކުރާއިރު ރަނގަޅަށް ސާފު ނުވެގެން އެބަ އުޅެމު ހެއްޔެވެ؟ ބޭކިންގްސޯޑާ ލައިގެން ރަނގަޅަށް އުނގުޅާލާށެވެ. މާބޮޑު މަސައްކަތަކާ ނުލާ ހުރިހާ ލައްތަކެއް ފިލައިގެން ދާނެއެވެ. އާއެކެވެ. ބޭކިންގްސޯޑާ އަކީ ހަމަ އެހާ ވަރުގަދަ އެއްޗަކީއެވެ.
ބޫޓުން ކުނިވަސް ދުވާ ނަމަވެސް ބޭކިންގްސޯޑާގެ ބޭނުން ކޮށްލާށެވެ. ބޫޓު ތެރެއަށް ބޭކިންގްސޯޑާގެ ކުޑަ މިންވަރެއް ބުރުވާލާށެވެ. އޭގެ ގަޑިއިރެއް ހާއިރު ފަހުން އައިސް ބޫޓުން ވަސް ގަނެބަލާށެވެ. އެއްކޮށް ވަސް ކެނޑޭނެއެވެ.
މީގެ އިތުރުން ވެސް ބޭކިންގްސޯޑާގެ ބޭނުން ހިފޭ އެތައް އެތައް ގޮތެއް ވެއެވެ. ހަމަގައިމު ވެސް އެނގޭ ކަމަކީ ބޭކިންގް ސޯޑާއަކީ ހަމައެކަނި ކާއެއްޗެހި ތައްޔާރު ކުރުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަމެވެ. ގޭތެރޭގެ އެކި އެކި މަސައްކަތް ކުރުމަށް ވެސް ބޭކިންގް ސޯޑާ ބޭނުން ކުރާ ކަމެވެ.