ޒިޔާދާ ރޭޕްކުރި މައްސަލައިގެ ހުކުމް މާދަމާ
އަނބިމީހާ ރޭޕްކޮށް އޭނާގެ ޖިންސީ ގުނަވަނަށް އަނިޔާކުރި ކަމުގެ ތުހުމަތުން ސަލާމަތްވި ގދ. ތިނަދޫ/ޖަވާހިރުމާގެދެކުނު، އިބްރާހިމް ޝާހުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މާދަމާ ހައި ކޯޓުގައި އިއްވަން ތާވަލުކޮށްފި އެވެ.
ކުރީގެ ފިރިމީހާގެ ފަރާތުން އަނިޔާތަކެއް ތަހައްމަލު ކުރި އެރަށު، ތޭންކް ޒިޔާދާ ނައީމަށް ލިބުނު ޖިންސީ އަނިޔާތަކުގައި އޭނާ ވަނީ ނިޔާވެފަ އެވެ.
މިމައްސަލާގައި ޝާހުގެ މައްޗަށް އުފުލާފައިވަނީ ރޭޕްގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި، މީހަކު މަރުވެ ދިޔުމުގެ ފަަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެ ދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. މިހަތަރު ދައުވާ ވެސް ކްރިމިނަލް ކޯޓުގައި ސާބިތުވެފައެއް ނުވެ އެވެ.
އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވަނީ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުގައި މި މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު އަލީ ސަމީރެވެ.
ޝާހުއާ ދެކޮޅަށް ހަތަރު ދައުވާއެއް ކޮށްފައިވީ ނަމަވެސް، އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަނީ ހަމައެކަނި އޮރިޔާންކާޑު ގެންގުޅުނު ކަމަށް ބުނާ މައްސަލަ އެކަންޏެވެ. ދައުލަތުގެ އެދުމަށް އެހެން މައްސަލަތައް ވަނީ ސިއްރު ކޮށްފައެވެ.
ހައި ކޯޓުގައި މި މައްސަލަތައް އިސްތިއުނާފު ކުރަމުން ޕީޖީގެ ވަކީލުން ބުނެފައި ވަނީ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ހެއްކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.