ހަގީގީ ހާދިސާ ރިޕޯޓް

ހަގީގީ ހާދިސާ: ދަރިފުޅުގެ ޙަޔާތުގެ އެންމެ ފަހު ދުވަސްތަކުގެ ވޭންހުރި ތަޖުރިބާ، ލޮލުން ދެކެ އަތުން ހިފި ނިކަމެތި މަންމައެއްގެ ވާހަކަ !

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މައިންނަކީ ހިތްވަރު ގަދަ އަދި އެހާމެ ހިތްތިރި މާތް ބައެކެވެ. އެދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދީ އެދަރިފުޅަކީ އެހެންމީހުންނަށް ނަމޫނާއެއް ގޮތުގައި ވާފަދައިން ތަރުބިއްޔަތު ކުރުމަށް ގަދައަޅައި މަސައްކަތް ކުރާ ދެވަނައެއް ނެތް އޯގާވެރި ބައެކެވެ.އެމައިން ދަރިން ހޯދަނީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.

Ads by MWSC

މިވާހަކައަކީ އެމަންމަ އެހާމެ ލޯބިން ބަލާ ބޮޑު ކުރަމުން އައި ހިތު ވިންދު ފަދައިން ލޯބިވި އަދި އެ މަންމަ ބަނޑުއަޅައިވިހޭ ދަރިފުޅުގެ ޙަޔާތް ނިމިގެން ދިޔައިރު ވެސް އެހުރިހާ މަންޒަރެއް ލޮލުން ދެކި އެވޭން ތަޙައްމަލު ކުރަމުން އަންނަ މައެއްގެ ވާހަކައެވެ.

އެއްވެސް މީހަކަށް ކުރިއަށް ވާން އޮތް ކަމެއްގެ ޚަބަރެއް ހިލަމެއް ނުލިބޭނެއެވެ. އެ މަންމަ އަށް ލިބުނު ދަރިއަކީ އެހެން ކުދިންނާ ޚިލާފަށް ބަލިކުއްޖެކެވެ. ދިރިއުޅުމަށް ޓަކައި އެހެން މީހުންގެ އެހީ އިންތިހާއަށް ބޭނުންވާނެ ކުއްޖެކެވެ. އެއީ ތެލަސީމިއާ ކުއްޖެކެވެ.

ރަށުގައި އެންމެ ރަނގަޅު ފެންވަރުގައި ބޭސްފަރުވާގެ ޚިދުމަތްތައް ލިބެން ނެތުމުން ކޮންމެ ހަފްތާއަކު ވެސް އެ ދަރިފުޅަށް ލޭ އެޅުމަށް ޓަކައި އެ މައިމީހާ ވީ ޤުރުބާނީ ތަސައްވަރު ކުރެވޭނެ ހެއްޔެވެ؟ އެދަރިފުޅަށް ލޭ ދޭނެ މީހަކު ހޯދުމުގެ އިތުރުން އެ ދަރިފުޅު ގޮވައިގެން ކައިރި އަތޮޅު ވެރިކަން ކުރާ ރަށަށް ކޮންމެ ހަފްތާއަކު ދާން ޖެހުނަސް އެ މަންމަ ގެ އަނގައިން އެ ދަރިފުޅާ ދޭތެރޭ ރަޙުމު ކުޑަ އެންމެ “ޗުއްޕު”އޭ ވެސް ބުނެފައެއް ނެތެވެ.

ކުރާނީ ވެސް ކީއް ހެއްޔެވެ؟ އެ މަންމަ އެކަމާ އެއްވެސް ހިތްބުރަ ކަމެއް ބޭއްވުމެއް ނެތި އެދަރިފުޅަށް އުފާވެރި ދުވަސްތަކެއް ލިބޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން އެދަނީ އެމަންމަގެ ދަރިފުޅު ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. އަހަރެމެން އެންމެން ދިރިހުރުމަށް ޓަކައި ވައި ބޭނުންވާ ބީދައިން އެ ދަރިފުޅަށް ވެސް ދިރިއުޅުމަށް ވައިގެ އިތުރުން ލޭ ބޭނުން ވާތީއެވެ.

އެދަރިފުޅު އެންމެ ބަލިވި ދުވަހު ވެސް އެދަރިފުޅުގެ ގާތުގައި ވީ ހަމަ އެ ދެވަނައެއް ނުވާ ލޯބިވާ މަންމައެވެ. މާކަނޑު ހުރަސްކޮށް އިތުރު ފަރުވާއަށް އެދަރިފުޅު މާލެ ގެނައީ ވެސް ހަމަ އެ ހިތްވަރު ގަދަ މަންމައެވެ. އެދަރިފުޅުގެ ޙަޔާތުގެ ކޮންމެ ވަގުތަކުވެސް އެދަރިފުޅު ގާތުގައި މަންމަ ވިއެވެ.

ދަރިފުޅުގެ ބަލި ބޮޑުވެ ހާލު ދެރަވި ހިސާބުން ވެސް އެދަރިފުޅުގެ މަންމަގެ އުއްމީދަށް ކުޑަވެސް ގުޑުމެއް ނާދެއެވެ. އެދަރިފުޅު ގަދަވޭތޯ މާތް الله ގެ ޙަޟްރަތުން ދުޢާ ދަންނަވާ ޙާލު އެމައިމީހާގެ މޫނުމަތީގައި ވީ އުއްމީދީ ހިނިތުންވުމެކެވެ. އެމަންމަ ކިތަންމެ ދެރަވި ކަމުގައި ވީ ނަމަވެސް މަންމަ ދަރިފުޅަށް އެކަން ފޮރުވީ އެދަރިފުޅަށް ކޮށްފާނެ އަސަރާއި ވާނެ ދެރައާއި މެދު ވިސްނާފައެވެ.

މިހުރިހާ ކަމަކާވެސް ގިނިކަންޏާ ކުރިމަތިލަމުން، އެނިކަމެތި މަންމަ ކުރަމުން އައީ ވަރަށް ވެސް މަތިވެރި އަދި މާތް ޚިދުމަތެކެވެ. އެހެން ނަމަވެސް އެމަންމަ ގެ ލޯބިވާ ދަރިފުޅު މި ދުނިޔެއިން ދިޔައީ އެމަންމަގެ ލޯ ކުރިމަތީގައެވެ. އެވަގުތު މައެއްގެ ހިތަށް ކުރާނެ އަސަރަކީ އަޅުގަނޑުމެންގެ ހިތަށް ތަސައްވަރު ކުރެވޭ ވަރަށް ވުރެން މާ ހިތި އަސަރެކެވެ.

ދަރިފުޅު ދުނިޔޭގައި ހުރިވަގުތު އެމަންމަ ވަރަށް ކެތް ކޮށްފިއެވެ. އެހެންނަމަވެސް އެދަރިފުޅުގެ ފަހު ނޭވާ ދޫކޮށްލި ވަގުތަކީ އެމަންމަގެ ހިތް ކުދި ކުދި ވެގެން ދިޔަ ވަގުތެކެވެ. ކަރުނަތައް އެމަންމަގެ ލޮލުން ހޯސް ލާފައި ފައިބަން ފެށީ އެހެން މީހުންގެ ހިތް ފަޅައިގެން ދާ ފަދަ ގޮތަކަށެވެ. އެމަންމަ ހާދަހާ ހިތްވަރުގަދައެވެ. މައިވަންތަ ކަމުގެ ކުލުނުގެ ފުރިހަމަ ނަމޫނާ އެއް އެމަންމަ ވަނީ އެދަރިފުޅާ މެދު ދައްކާފައެވެ.

މިއަދު ހަމަގައިމުވެސް އަޅުގަނޑު އެމަންމަ އާއި މެދު ފަޚުރުވެރި ވަމެވެ. އެމަންމަ ގެ ގާތުގައި މިއަދު އެމަންމަ އެންމެ ލޯބިވީ ދަރިިފުޅު ނެތް ކަމުގައި ވީ ނަމަވެސް އެދަރިފުޅު ވަނީ އެ މަންމަގެ ހިތުގައި އަބަދުމެ އަބަދަށް ބިންވަޅު ނެގިފައެވެ. މާތް الله އެމަންމަ ގެ ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، އެމަންމަ އަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!