ހަގީގީ ހާދިސާ ރިޕޯޓް

ގެނބިގެން ނިޔާވި މަންމަ ވަޅުލީ އެ މަންމަގެ 31 ވަނަ އުފަންދުވަހު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ ރަފްސާ ކޮޔަދީން ނަމަކަށް ކިޔާ އަންހެނަކީ ދުބާއީގައި މަތީ ތައުލީމު ހާސިލް ކުރަމުން ދިޔަ މުސްލިމު އަންހެނެކެވެ. އޭނާ އެތަނުގައި ދިރިއުޅުނީ އޭނާގެ ކުޑަކުޑަ އާއިލާއާއެކުއެވެ. އެއީ އޭނާގެ ފިރިމީހާއާއި ދެ ދަރިންނެވެ. އޭނާއަކީ އިލެކްޓްރިކަލް އިންޖިނައަރިންގެ ދާއިރާއިން މާސްޓާސް ނިންމުމަށް ފަހު ޕީއެޗްޑީ ހަދަމުން ދިޔަ ހިތްވަރުގަދަ މަންމައެކެވެ.

Ads by STELCO

ކޮންމެ ހަފްތާއެއްގެ ވެސް ހުކުރުދުވަހަކީ އެ ކުޑަކުޑަ އާއިލާ އެއްކޮށް މަޖާކޮށް، އުފާވެރި ވަގުތުތައް ހޭދަކުރުމަށް މޫދަށް ދާ ދުވަހެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހަކީ ވެސް ހަމަ އެފަދަ ދުވަހެކެވެ. އެހެން ނަމަވެސްް އެއީ ރަފްސާއަށް އޭނަގެ އާއިލާއާ އެކު ހޭދަކުރެވުނު އެންމެ ފަހު ދުވަހެވެ.

އޭނާ ގެނބިގެން ނިޔާވީ، ދަރިން ސަލާމަތް ކުރުމަށް އޭނާ މޫދަށް އެރި އުޅުމުގެ ތެރޭގައެވެ. ދެމަފިރިން ރާޅު ޖަހާ ހިސާބުގައި ވާހަކަ ދައްކާލުމަށް އިށީނދެލައިގެން ތިބި އިރު، ދެ ދަރިން މޫދުގައި މަޖާކުރަމުން ދިޔައެވެ. އެހެން ނަމަވެސް ކުއްލިއަކަށް މޫދުގައި އުފެދުނު އޮއެވަރާ އެކު ކުދިން އިސްކޮޅު ނުޖެހޭ ހިސާބަށް ދަމައިގަތީއެވެ. އަދި ވަގުތުން ރަފްސާގެ ފިރިމީހާ ދަރިން ސަލާމަތް ކުރުމަށް ޓަކައި މޫދަށް އެރުނީއެވެ.

ރަފްސާއާއި އޭނަގެ ކުޑަކުޑަ އާއިލާ

އެހެން ނަމަވެސް މޫދުގައި އާދަޔާ ޚިލާފު އޮއެވަރެއް އުފެދިފައި އޮތުމުގެ ސަބަބުން، ރަފްސާގެ ފިރިމީހާއަށް ދެ ދަރިން ސަލާމަތް ކުރުން ވީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ރާޅާ އަޅަން އުޅުނު ބައެއްގެ ފަރާތުން އެހީތެރިކަމަށް ރަފްސާ އެދުނެވެ. އެހެންނަމަވެސް ރަފްސާއަށް އެމީހުން އަންނަންދެން ދަރިންނާއި ފިރިމީހާގެ ހާލު ބެލުމަަށް ކެތް ނުކުރެވުނީއެވެ. ފަތަން ނެނގޭ ހާލު ވެސް ދަރީން ސަލާމަތް ކުރުމުގެ އަޒުމުގައި މޫދަށް އެރުނީއެވެ.

ނަމަވެސް ކަންތައްތައް ދިމާވީ ހިތާމަވެރި ގޮތަކަށެވެ. ފިރިމީހާއަށް އެންމެ ދޮށީ ދަރިފުޅު ގޮވައިގެން ސަލާމަތުގެ އައްސޭރިއަށް ދެވުނު އިރު ރަފްސާއާއި އެންމެ ހަގު ދަރި ގެނބިއްޖެއެވެ. އެވަގުތު ރާޅާ އަޅަން އުޅުނު މީހުންގެ އެހީއާއެކު އެ ދެމައިން ވެސް އެއްގަމަށް އެރުވީއެވެ. ދެމައިންގެ ވެސް ހޭވެރިކަން ނެތެވެ. ވަގުތުން ފުލުހުންނާއި އެމްބިއުލޭންސްގެ އެހީގައި ހޮސްޕިޓަލަށް ގެންދެވުނެވެ.

ދެމައިންގެ ތެރެއިން ދަރިންގެ މަންމަ، ރަފްސާ ނިޔާވީއެވެ. ހަގު ދަރިފުޅު ފުއްޕާމެއަށް ފެން އެޅިފައި ހުރުމުގެ ސަބަބުން ހާލު ސީރިއަސްވިއެވެ. އެ ކުއްޖާ މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މީޑިއާތަކުން މައުލޫމާތު ލިބެއެވެ. ރަފްސާ ނިޔާވުމުން ރަފްސާ ވަޅުލެވުނީ އޭނާގެ އަމިއްލަ ވަޒަނުގައެވެ. އޭނާގެ އަމިއްލަ ގެއާ އެންމެ ކައިރި ގަބުރުސްތާނުގައެވެ. އެއީ އޭނާގެ 31 ވަނަ އުފަން ދުވަހުގައެވެ.

މިއީ ދަރިންނާއި ލޯބިވާ ފިރިމީހާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް މޫދަށް ދިޔަ އިންޑިއާ އަންހެނެއްގެ ވާހަކައެވެ. ހޭދަ ކުރަމުން ދިޔަ އުފާވެރި ވަގުތުތައް، ނާމާން ކޮޅިގަނޑަކަށް ބަދަލުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެ މަންމަގެ ވަކިވެ ދިއުމާއެކު ދެ ދަރިން ވެސް ނިކަމެތި ވީއެވެ.

މަރު ބައްދަލު ކުރާނީ ކިހިނެއް އަދި ކޮން އިރަކު ކަމެއްް އެއްވެސް އިންސާނަކަށް އެނގިގެންނެއް ނުވެއެވެ. އެންމެންގެ މައްޗަށް އޮތީ މަރަށް ތައްޔާރުވެ ތިބުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!